މޫސުމީ ބަދަލުތަކާމެދު ފިޔަވަޅު އެޅުމާއި ޤުދުރަތީ މާޙައުލަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި ތިމާވެށި ތަޣައްރުވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި، މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ފަރުތަކާއި ކަނޑުގެ ދިރުންތަކާއި ގޮނޑުދޮށްތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަތައް ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށް 2020އިން 2023އަށް ކުރިއަށް ގެންދާ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" މިހާރު ތަންފީޒްކުރަން ފަށާފައިވާކަން މިނިސްޓަރ ފާހަފގަކުރެއްވިއެވެ. މިމަސައްކަތް ކުރިއަށް ގެންދަވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަމަށާ، އެގޮތުން 2023ގެ ނިޔަލަށް 13 ބާވަތެއްގެ ޕްލާސްޓިކް ބޭނުންކުރުން މުޅިން ހުއްޓާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ބަދަލާއެކީ އަޅުގަނޑުމެންގެ ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި މޫދުގެ އެކިއެކި ސަރަހައްދުތަކުން ފެންނަ ޕްލާސްޓިކް ކުނީގެ ބާވަތްތައް އެތައް ގުނައަކުން މަދުވެގެން އަންނާނެ. އަދި އެކަމުގެ ހެޔޮ އަސަރު އަޅުގަނޑުމެންގެ އިޤްތިޞާދަށާއި ދިވެހިންގެ ދިރިއުޅުމަށާއި ޚާއްޞަކޮށް އަޅުގަނޑުމެންގެ ސިއްޙަތަށްވެސް ކުރާނެކަން އަޅުގަނޑު ފާހަގަކޮށްލަން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ކުންޏަކީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްވެސް ސަރުކާރުން އެކިއެކި މަރުހަލާތަކަށް ބަހައިގެން މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖޭގެ 3 ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖުމަންޓް ސެންޓަރު ޤާއިމްކުރުމާއި ކޮންމެ ރަށެއްގައިވެސް ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ޤާއިމްކުރުން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުނި މެނޭޖުކުރުމުގެ ޤަވާއިދުތަކަށް ގެންނަޖެހޭ ބަދަލުތައް ގެންނަމުންދާކަމަށާ، އެގޮތުން މާލެ ސަރަހައްދުގައި ކުނި ބައިބަޔަށް ވަކިކުރަން ފަށާފައިވާކަން މިނިސްޓަރ ފާާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަތޮޅުތަކުގައި އެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާ، ކުނި މެނޭޖުކުރުން ފެށެންޖެހޭނީ ގޭބީސީއާ ހިސާބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ކުނީގެ ތެރޭގައި ހިމެނޭ ގެއްލުންދޭ ކެމިކަލްތައް ނައްތާލުމުގެ މަސައްކަތްތައްވެސް އިސްކަންދީގެން އަޅުގަނޑުމެން މި އަންނަނީ ކުރަމުން. އެގޮތުން ރާއްޖޭގެ ޚާއްޞަކޮށް ހެޒެޓަސް ކެމިކަލް ވޭސްޓާ ގުޅޭ ބިލެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. އަދި މިފަދަ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ފަންނީ ލަފާ ލިބި އެމަސައްކަތްތައް ރޭވުމުގެ ކަންކަން އެބަ ކުރިއަށް ގެންދޭ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ ފުވައްމުލައް ސިޓީގައެވެ. އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ފުވައްމުލަކުގައި އެތައް ޒަމާންތަކެއް ވަންދެން އުކާލާފައިވާ ތިމާވެއްޓައް ގެއްލުންދޭ އަދި އިންސާނުންގެ ސިއްޙަތަށްވެސް ގެއްލުންދޭ ކެމިކަލްތައް ހިމެނޭ ޓްރާސްފޯމަރުތަކާއި ތަޣައްޔަރުވެފައިވާ ވެލި ރަށުން ބޭރުކޮށް ރީޖަނަލް ވޭސްޓްމެނޭޖުމަންޓް ފެސިލިޓީތަކަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.
ފުވައްމުލައް ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުގެ ވައިގެ ތަޣައްޔަރުވެފައިވާ މިންވަރު ދެނެގަތުންވެސް ކުރިއަށްދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މާލެ ސަރަހައްދާއި ފުވައްމުލައް ސިޓީވެސް ހިމެނޭހެން މިހާތަނަށް ރާއްޖޭގެ 8 ސަރަހައްދެއްގައި އެއަރ ކޮލިޓީ މޮނިޓަރިން ސިއްޓަމްތައް ޤާއިމްކޮށްފައިވާކަމަށާ، އަންނަ އަހަރުގެ ނިޔަލަށް އެ ނިޒާމް އިތުރު ސަރަހައްދުތަކުގައިވެސް ޤާއިމްކުރާނެކަމަށް ޝައުނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހިތަށް ނާރަފާނެ ކިހިނެއްބާއޭ ވާނީ ކުރިއަށް އޮތް 10 އަހަރުގެތެރޭގައި. ދުނިޔޭގަ މިކަމަށް އެންމެ ބޮޑަށް ދިރާސާކުރައްވާ ސައިންޓިސްޓުންގެ ބަސްމިއީ. އަޅުގަނޑުގެ ބަހެއް ނޫން މިއީ. މޫސުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ކުރިއަށް އޮތް 10 އަހަރުތެރޭގައި އެއީ 90 މަސް ދެން ކުރިއަށް އޮތީ. މި 90 މަސް ތެގޭގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި އަޅުގަނޑުމެންނަށް ނުހިފެހެއްޓިއްޖެނަމަ އަޅުގަނޑުމެންގެ ރާއްޖެ ކަހަލަ ޤައުމުތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ." ޝައުނާ ވިދާޅުވިއެވެ.
ރާއްޖޭގައި ނުގިރާ އަދި ފެންފަށަލަ ތަޣައްޔަރު ނުވާ އެންމެ ރަށެއްވެސް ނެތްކަށާ، މޫސުމަށް އަންނަ ބަދަލުތަކާއި އެންވެރިކަމަށް އަންނަ ބަދަލާއި ފެންފަށަލައަށް އަންނަ ބަދަލުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާ، ގުޅިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ބައިނަލްއޤްވާމީ ފެންވަރުގައި މޫސުމީ އެއްބަސްވުންތައް އެކުލަވާލެވޭއިރު އެކަމަށް ރާއްޖެއިން ވަކާލާތުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.