ޚަބަރު

ނޫމަރާގެ ތަރައްޤީގައި މިވަގުތު އެންމެ އިސްކަމަކީ ބަނދަރުގެ މަސައްކަތް: ރައީސް


ށ.ނޫމަރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ އިސްކަން ދެއްވާނީ އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައި ވަނީ އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކެވެ. އޭގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ސްކޫލާއި ޞިއްޙީ މަރުކަޒު ޖާގައިގެ ދަތިކަމާއި ވަޞީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތަކާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި އަދި ރަށަށް އައު މިސްކިތެއްގެ މުހިމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
އަދި ކައުންސިލަރުން ވަނީ ޞިއްޙީ މަރުކަޒަށް މިވަގުތު ކުރިމަތިވެފައިހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބޭގޮތަށް މިސަރުކާރުން އެ މަރުކަޒުގެ އެކްޓެންޝަން އިމާރާތެއްގެ މަޝްރޫޢު ހަމަޖައްސަވައިދެއްވާފައިވާތީ އާއި ސްކޫލަށް 4 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލު އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އަޅުއްވާ އައު އިމާރާތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާތީ, ކައުންސިލު މެންބަރުން ވަނީ އެ ކަން ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.