ޚަބަރު

ދަރިފުޅު މަރާލި މަންމަ މަރަން އަދި މަރުގެ ދިޔަވެސް ވާރިސުން ބޭނުމެއްނުވި


އުމުރުން 4 އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ށ.ފުނަދޫ ދިނަށަ އާމިނަތު ޝާހިދާގެ ކިބައިން ގިޞާސް ހިފަން ބޭނުންނުވާ ކަމަށާއި މަރުގެ ދިޔަވެސް ބޭނުން ނުވާކަމަށް މަރުވި ކުއްޖާގެ ވާރިސުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އާމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައިވަނީ އެމައްސަލައިގައި ހުށައަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ބަލައި އެނގިހުރެ މީހަކު މެރުމުގެ ކުށް އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މިމައްސަލާގައި އިއްޔެގެ ޝަރީއަތުގައި ވާރިސުންގެ ބަސް ވަނީ ނަގާފައެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދާ މި މައްސަލައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ ކުޑަކުއްޖާގެ ވާރިސުންގެ ގޮތުގައި ހުރީ އެންމެ މީހެއް ކަމަށެވެ. އަދި އޭނާ ކޯޓުގައި ބުނެފައި ވަނީ ގިޞާސް ހިފަންވެސް އަދި މަރުގެ ދިޔަވެސް ބޭނުންނުވާކަމަށެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުކުމް ކުރުން ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.

މީގެ 6 އަހަރު ކުރިން އެ ކުޑަކުއްޖާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެންކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. އަދި އެ ކުއްޖާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާއެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުން ފެނުނެވެ. އެ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޝާހިދާ ހައްޔަރުކޮށް ބަންދުކުރިއެވެ. އެއަށްފަހު އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލިއެވެ. ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކުރިމިނަލް ކޯޓުގައި ޝަރީއަތް 2016 ވަނަ އަހަރު ފެށީ ސިއްރުކޮށްގެންނެވެ.