ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތިރީލައިން ވިޕެއް ނެރެފިއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން މިގޮތަށް ނިންމިނަމަވެސް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާޢަތްތައް ފުރިހަމަނުކޮށްކަމަށް ނިންމާފައެވެ. ނަމަވެސް ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށްކަމަށެވެ.
ކޮމިޓީން އެގޮތަށް ނިންމިނަމަވެސް އަންނަ ހަފްތާގެ ހޯމަދުވަހު އެ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހަން ވަނީ ނިންމާފައެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ ފަނޑިޔާރު ހަމީދު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ވޯޓަށް އަހާފައެވެ. ތްރީލައިން ވިޕް ނެރުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖޭއެސްސީން ވަނީ ފަނޑިޔާރު ޢަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްވެސް މަޤާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް ފަނޑިޔާރު ރައޫފް އިއްޔެ ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. ފަނޑިޔާރު ޙަމީދުއާމެދު ޖޭއެސްސީން ބަލާފައިވާ ސުލޫކީ މައްސަލަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާކަމަށް ބުނާ މައްސަލައެކެވެ.
ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއްކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފައެވެ.