ތަޢުލީމު

ބަނގްލަދޭޝް ހައިކޮމިޝަނުން އެޑިއުކޭޝަން ފެއަރއެއް ބާއްވަނީ


ރާއްޖޭގެ ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ބަންގްލަދޭޝް ހައިކޮމިޝަނުން މިއަހަރުގެ އޮގަސްޓް މަހު އެޑިއުކޭޝަން ފެއަރއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ސަރްވާރް ޙުސައިން ވިދާޅުވެއްޖެއެވެ.ހައިކޮމިޝަނަރ މިހެން ވިދާޅުވީ ޕީ.އެސް.އެމްއަށް ދެއްވި ޙާއްސަ އިންޓަރވިއު އެއްގައެވެ. ބަންގްލަދޭޝްގެ ހައިކޮމިޝަނަރ ސަރްވާރް ވިދާޅުވީ، މި އެޑިއުކޭޝަން ފެއަރއަކީ ޞިއްޙީ ދާއިރާއިންނާއި އިންޖިނޭރިންގް ފަދަ ދާއިރާތަކުން ބަންގްލަދޭޝްގައި މަތީ ތަޢުލީމް ހާސިލްކުރަން ބޭނުންވާ ރާއްޖޭގެ ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ފެއަރއެއް ކަމަށެވެ.މިއަހަރަކީ ދިވެހި ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮންނަ ގުޅުމަށް މުހިއްމު އަހަރެއް ކަމަށާއި ދެޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މިއަހަރު ގިނަ ޙަރަކާތްތަކެއް ހިންގުމަށް ރާއްވަވާފައިވާކަމަށް ބަންގްލަދޭޝް ހައިކޮމިޝަނަރ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާކުރުމަށް ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިޔަތުކަމެއް ދެއްވާކަމަށްވެސް ހައިކޮމިޝަނަރ ސަރްވާރް ވިދާޅުވިއެވެ.