ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ތެރެއިން 1927ވަނަ އަހަރު މަދުރަސަތުއްޞަލާހިއްޔާ އުފެދި، އޭގެ ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދަރުސާތައް އުފެދި މިއަދާ ހަމައަށްވެސް މުދައްރިސުންގެ މިންނެތް މަސައްކަތުން ދަރިވަރުން އުނގެނި މުޖުތަމަޢުގެ ތެރެއަށް ދިޔައީ ނުކުންނަމުންވެ.
ވޭތުވެދިޔަ ދިގު މާޒީގައި މި ޤައުމީ ވާޖިބު އަދާކުރަމުންދިޔަ މުދައްރިސުން ދެކެމުން އައި ހުވަފެނެއް އޮތެވެ. އެއީ އެ މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ރަނގަޅު އުޖޫރައެއް ލިބޭތޯ ދެކެމުން ދިޔަ ހުވަފެނެވެ. އެ ހުވަފެން ހަޤީޤަތަކަށް ހަދައިދޭނެ ދައުރެއް، އަހަރެއް، ވެރިކަމެއް، ވެރިއެއް އެކަކަށް ވެސް ނޭނގެއެވެ. ކޮންމެ ވެރިކަމަކާ އެކުވެސް މުދައްރިސުން ތިބީ އުންމީދެއްގައެވެ. ވެރިކަމުގެ ދައުރުތައް ނިމިގެންދަނީ މިއިން ވާހަކައެއް އަޑެއް ނީވިއެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދައުރު ނިމި ރައީސް މުޙައްމަދު ނަޝީދުގެ ދައުރުފެށި، ރައީސް ޑރ މުޙައްމަދު ވަހީދުގެ ދައުރު ފާއިތުވެ، ރައީސް ޢަބްދުﷲ ޔާމީންގެ ދައުރަށް ވެސް ދިވެހިން އަލްވަދާޢު ކީ މިއިން ހުވަފެނެއްގައި ކުލަ ނުޖެހިއެވެ. މުދައްރިސުންގެ މުސާރަ ބޮޑުކުރުމުގެ ވާހަކައަކީ ޒަމާންވީ ވާހަކައެކެވެ. ނަމަވެސް ދައުރުތައް ނިމެމުން ދިޔައީ "އިތުރު ދައުރެއް ލިބިއްޖެނަމަ......" އާ ހިސާބުންނެވެ.
2018ވަނަ އަހަރު ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ މި ޤައުމުގެ ލަގަން ހަވާލުކުރީ މީހުން ބިނާކުރުމުގައި މިއަދު މި ފެންނަ ފަދަ ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދަކާ އެކުއެއް ނޫނެވެ. ނަމަވެސް މި ކުށްހީ، އިސާހިތަކު ބަދަލުވެ ދިވެހިންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަތައް ވިދައި ބަބުޅަން ފެށިއެވެ.
ހަވާސާވެ، ކުލަ ފަނޑުވެފައިވާ ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާނެ ކަމުގެ ވަޢުދުތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިވެން ފެށިއެވެ. މިއީ ސަޅިބައިސާއެއް ނޫން ކަން ސާބިތުކޮށްދެއްވީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާފައެވެ. އެތަކެއް ޒަމާނެއްވީ ހުވަފެންތަކެއްގައި ކުލަ ޖައްސައިދެއްވާފައެވެ.
މިކަމަށްޓަކައި ހަތަރު ސަތޭކަ ނުވަދިހަ އަށް މިލިއަން ރުފިޔާ ދިވެހި ދަޢުލަތުގެ ބަޖެޓަށް އަދުގެ ސަރުކާރުން އިތުރުކުރެއްވީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރައްވާ އިންވެސްޓްމެންޓެއްގެ ގޮތުގައެވެ. މި ހިނގާ މޭ މަހުން ފެށިގެން ޓީޗަރުން ގެއަށް ގެންދާ މުސާރައިގެ އަދަދު ބޮޑުކޮށްދެއްވީ ރަނގަޅު ހިސާބުތަކެއް ޖައްސަވައިގެންނެވެ. މިއީ އިޤްތިޞާދަށް ރައީސް ޞާލިޙުގެ އިތުބާރު އޮތް މިންވަރު ސާބިތުކޮށްދެއްވި އަމަލެކެވެ.
މިފަދަ ބޮޑު ބަދަލެއް ޓީޗަރުންގެ މުސާރައަށް ގެންނެވި މި ދަނޑިވަޅަކީ މުޅި ދުނިޔޭގެ އިޤްތިޞާދު ނޭވާ ހޮޅިއަށް އެޅިފައިވާ ދަނޑިވަޅެކެވެ. ކޮވިޑް19ގެ ބިޔަ ރާޅު ދުނިޔޭގެ އިޤްތިޞާދުގެ ތެރެއަށް ބިންދާލީ ވޭންދެނިވި ގޮތަކަށެވެ. މާލީގޮތުން ދުނިޔެއަށް ކުރިމަތިވި ހާލަތުން އެންމެ ހިތި އަސަރެއް ކުރީ ދިވެހިރާއްޖެއަށެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ ރިސޯޓުތައް ހުއްޓުނެވެ. ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވިއެވެ. ލިބުނު ކުޑަ ލުޔަކާ އެކު ޤައުމުގެ ދޮރޯށިތައް ހުޅުވައިލުގެ ނިންމުން އަދުގެ ސަރުކާރުން ނިންމެވިއެވެ. އިޤްތިޞާދުގެ އެންމެ ފުޅާ ސިނާޢަތް ކަމަށްވާ ފަތުރުވެރިކަން ހުޅުވައިލުމަށްފަހު ސަރުކާރުން އެންމެ ފުރަތަމަވެސް ނިންމި ނިންމުމަކީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމެވެ.
އެ ދުވަސްވަރު ދިވެހިރާއްޖޭގެ ހާލަތު އޮތީ ވަރަށް ނާއުންމީދީ ގޮތަކަށެވެ. ނަމަވެސް ކޮވިޑްގެ ވޭނީ ރާޅުގައި ޖެހުނު ދިވެހި ވިޔަފާރިތަކާއި މުވައްޒަފުންނާއި ޚިދުމަތްތެރިންނާއި އަމިއްލަ މަސައްކަތްތެރިންނަށް ސަރުކާރުން އެހީތެރިވެދޭން ފެށިއެވެ. ކޮވިޑް ލުއިތަކުގެ ތެރެއިން ޓެކްސް ދެއްކުން ލުއިކޮށްދިނެވެ. ވިޔަފާރިތައް ނުހިނގާ އޮތް ދަނޑިވަޅު، ވަޒީފާއިން ގިނަ ބަޔަކު ވަކިކުރިއެވެ. މިއާ އެކު ދައުލަތުން އެ މީހުންނަށް އިނާޔަތްދީ އެ މީހުން ބަލަހައްޓަމުންދިޔައެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރުން 2022 އޭޕްރީޕްގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ދައުލަތަށް ނުވަދެ އެބަހުއްޓެވެ.
އިޤްތިޞާދީ މި ދަތި ދަނޑިވަޅުގައި ދިވެހި ޤައުމަށް ބޭނުންވާ އެއްވެސް އަސާސީ ޚިދުމަތެއް ނުހުއްޓެއެވެ. ބޭސްފަރުވާޔާއި ކާޑުގެ ބާވަތްތައް ލިބުމުގައި ދައްޗެއް ވިޔަ ނުދެއެވެ. އަސާސީ ޚިދުމަތަކުން މަހުރޫމުވިޔަ ނުދެއެވެ. ކޮވިޑްގެ ވެކްސިން ދިވެހިންނަށް ލިބި، ކޮވިޑް ބަލީން ދިފާޢުވުމަށް އެހީތެރިވެދިނެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލުކޮށް އާންމު ދިރިއުޅުމައިގެން ނުކުތުމަށް މަގުފަހި ކޮށްދިނެވެ.
ހާލަތު މިހެން އޮތް ނަމަވެސް 2022ވަނަ އަހަރުގެ ފެބުރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލުސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ޓީޗަރުންގެ މުސާރަ ބޮޑުކުރައްވަން ސަރުކާރުން ނިންމެވި ކަން އިޢުލާނު ކުރެއްވިއެވެ. މިއީ ކަމަކަށް ކަމެއް ކުރުން ނޫންކަން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ކަމާ ގުޅުންހުރި ވަޒީރުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިއީ ވަރަށް ބޮޑަށް އެނގިގެން ހިސާބު ޖައްސަވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަން ދިޔައީ ސާބިތުވަމުންނެވެ.
މި ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާއަކީ މީހުން ބިނާކުރުމުގެ ދާއިރާއެވެ. މީހުން ބިނާކޮށްދޭން ތިބީ މުދައްރިސުންނެވެ. މުދައްރިސުންގެ އުނގަންނައިދިނުމާއި ދަސްކޮށްދެއްވުމުގެ ތެރެއިން އަހަރަކު އެތައް ދަރިވަރުންނެއް އޯލެވެލްއާ އޭލެވެލް ނިންމައި މުޖުތަމަޢުގެ ތެރެއަށް ނުކުމެވެ. މިސަރުކާރުން މީހުން ބިނާކުރުމަށްދޭ އިސްކަން އެނގިގެންދަނީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިންނެވެ. މި ޕުރޮގުރާމުގެ ދަށުން މިހައިތަނަށް 14,496 ދަރިވަރަކަށް ޑިގްރީ ފެންވަރަށް މަތީ ތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ދީފައިވާއިރު، 4,600 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވަނީ ޑިގްރީގެ ތަޢުލީމީ ހަރުފަތްތައް ފުރިހަމަ ކުރުމަށްފަހު، މުޖުތަމަޢުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުމާއި ޤައުމު ބިނާކުރުމުގެ މަސައްކަތާ ގުޅިފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ޓިވެޓް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތާ އެކު މީހުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދެމުން އެބަ ގެންދެއެވެ.
ކުރީގެ ސަރުކާރުތައް ހިނގަމުން އައި އާދަކާދައަށް ބަލައިލާއިރު ފެންނަނީ މަތިފަޑީގައި ތިއްބަވާ ބައެއްގެ ޖީބަށް ފައިސާ އިތުރުވާ ގޮތަށް މަސައްކަތް ކުރެއްވި މަންޒަރެވެ. ޖީބުތައް ބަރުކުރުމަށް މަސައްކަތް ކުރެއްވި ތަނެވެ. ނަމަވެސް، ރައީސް ޞާލިޙުގެ ސިޔާސަތަކީ، ރައްޔިތުންގެ މާލީ ފުދުންތެރި ކަން ތަނަވަސްކޮށްދެއްވުމެވެ. ރައްޔިތުން ފުދުންތެރިވެ މުއްސަނދިވުމެވެ. ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުކޮށްދެއްވުމެވެ. އެތަކެއް ހާސް މުދައްރިސުންނެއްގެ މުސާރަ ބޮޑުކޮށްދެއްވީ އެ މަޤުޞަދުގައެވެ.
މި ނިމޭ މޭ މަހަކީ ޓީޗަރުންގެ މުސާރަ ބޮޑުކުރި ފަހުން ޓީޗަރުންނަށް މުސާރަ ލިބޭ ފުރަތަމަ މަހެވެ. މުސާރަ ހަދާ އުސޫލަށް ބަލައިލާއިރު މޭ މަހުގެ އެކަކުން ފަނަރަށް އާ އޮނިގަނޑުގެ ދަށުން އިތުރުވާ މުސާރައިން ބައެއް ލިބޭނެއެވެ.
"އޭޕްރީލް މަހުގެ ބަޔަކާއި މޭ މަހުގެ އެކަކުން ފެށިގެން ފަނަރަޔަށް މުސާރަ ހެދިގެން މި ދަނީ. އެހެންވީމަ އާ އޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުންނަށް، ވަކިން ޚާއްސަކޮށް ޓީޗަރުންނަށް، މުސާރައިގެ އޮނިގަނޑުގައި އެހެރަ މުސާރަތަކަށް ބަލާއިރު އެންމެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އަދަދުތައް ފަހަރެއްގައި ނުފެނިދާނެ. ނަމަވެސް ކުރީގައި ޓޭކް ހޯމް ޕޭގެ ގޮތުގައި، އިތުރުގަޑި ނުލާ ބޮޑު ތަނުން ރަނގަޅުވާނެ،" މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކެޓްރީ އަޙުމަދު ޢަލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޖޫން މަހުގެ މުސާރަ ހެދޭއިރު އާ އޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުންނަށް މުސާރައިގެ ބޮޑު މަންޒަރު ހަމަލޮލަށް ފެންނާނެއެވެ. އަދި ޒަމާންވީ އުއްމީދު ހާސިލުވެ ހިނިތުން ވެލެވިދާނެއެވެ.
މީހާ މީހަކަށް ހެދުމުގެ ޒިންމާ ކުއްޖާގެ އެންމެ ޅަފަތުން ފެށިގެން އަދާކުރަމުން އަންނަ ޓީޗަރުންނަކީ މުހިންމު ބައެއް ކަމަށް ޤަބޫލުކުރައްވާ މި ސަރުކާރުން މި ވަނީ ވަރަށް މުހިންމު ފިޔަވަޅެއް ކުރިއަށް އަޅުއްވާފައެވެ. ވޭތުވެ ދިޔަ އެއްވެސް ސަރުކާރެއްގައި ކުރަން ނުކެރުނު ކަމެއް، ރަނގަޅު ހިސާބުތަކެއް ޖައްސަވައިގެން، މި ފުރިހަމަ ކުރެއްވީ ރައީސް ޞާލިހެވެ. ހަޤީޤީ ފުދުންތެރިކަމަކީ ރައްޔިތުންގެ ފައިސާ ވެރިންގެ ޖީބަށް ވެއްދުމުގެ ބަދަލުގައި އަނބުރާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް ދަސްކޮށްދެއްވި ވެރިއަކީ ރައީސް ޞާލިޙެވެ. ޤައުމުގެ މުސްތަޤުބަލު ބިނާކޮށްގެން ނޫނީ ޤައުމު ކުރި ނާރާނެ ކަމަށް ދެކެވަޑައިގެންނެވި ޙުއްބުލްވަޠަންގެ ރޫޙުން ފުރިފައިވާ ލީޑަރަކީ ރައީސް ޞާލިޙެވެ. ރައްޔިތުންގެ ތާއީދު އެ މަނިކުފާނަށް އިތުރުވަމުން އަންނަ ސަބަބަކީ އެއީއެވެ.