ޚަބަރު

ހުޅުމާލޭ އިސް މެޖިސްޓްރޭޓް ސިޔާމާއަށް ފިޔަވަޅު އަޅައިފި


ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުލޫކީ ފިޔަވަޅު އަޅައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސިޔާމާ އާއިމެދު ފިޔަވަޅު އަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލި މައްސަލައެއްގެއެވެ. މިމައްސަލާގައި "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައި ވަނީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުއްޓާކަމަށް ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުމުގައި ފާހަގަ ކޮށްފައި ވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އަދި އެމައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި ޙަޤީޤަތާ ޚިލާފަށްކަން އެނގޭ ކަމާއި، އަދި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނު ކުރިއިރު، އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިޢާޔަތް ކުރިކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު ޢަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަމަށް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެޗެ. މިމައްސަލާގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.