ވިޔަފާރި

އެގްރޯނެޓަށް ދޫކޮށްފައިވާ 2 ރަށުން ދަނޑުވެރިންނަށް މިއަހަރު ބިން ދޫކުރަނީ


އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ރަށުން މިއަހަރުގެ ތެރޭގައި ދަނޑުވެރިންނަށް ބިން ދޫކުރާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ރަށަކީ ލ.ގާދޫއާއި ހއ. މުލިދޫއެވެ. މި 2 ރަށުގެ އެއްބަސްވުމުގައި އެގްރޯނެޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދެމެދު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް ހަސަން އަފްސަލް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އެގްރޯނެޓުން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތަކީ ކުންފުންޏާއި ހަވާލުކޮށްފައި އޮތް 2 ރަށް ތަރައްޤީކޮށް އެ 2 ރަށުން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުންކަމަށެވެ.

"މިއަހަރުތެރޭ ކުންފުނިން ކުރާނެ އެންމެ ބޮޑު އެއްކަމެއްކަމަށް ފާހަގަކުރެވެނީ ކުންފުންޏާއި ހަވާލުކޮށްފައި އޮތް 2 ރަށް އެއީ ލ.ގާދޫއާއި ހއ. މުލިދޫއާއި. އިރާދަކުރެއްވިއްޔާ އެ 2 ރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންގޮސް މިއަހަރު ތެރޭގައި އެރަށްރަށުން ދަނޑުވެރިންނަށް ބިން ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ. އޭގެ ސަބަބުން އިންޕޯޓް ސަބްސްޓިޓިއުޓް ކުރަން ބޭނުންވި މަސައްކަތައް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ." އަފްސަލް ވިދާޅުވިއެވެ.

އެގްރޯނެޓުން ވިދާޅުވީ، މި 2 ރަށުން ދަނޑުވެރިންނަށް ބިން ދޫކުރުމުގެ އުސޫލެއް މިހާރު އެކުލަވާލަމުންދާކަމަށެވެ. މި ރަށް ތަރައްޤީކުރާނީ ދަނޑުވެރިކަން ކުރަން ބޭނުންވާ ސާމާނާއި އިންތިޒާމާއިއެކުގައެވެ. އެގޮތުން ދަނޑުވެރިން އެ ރަށުގައި ތިބެން ބޭނުންވާނަމަ އެތަނުގައި އެކޮމޮޑޭޝަންގެ އިންތިޒާމް ހުންނާނެއެވެ. އަދި ދަނޑުވެރިން އަނބުރާ ރަށަށްދާން ބޭނުންވާނަމަ އެ އިންތިޒާމްތައްވެސް ރަށް ތަރައްޤީވެގެންދާއިރު ހަމަޖެހިގެންދާނެކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

އެގްރޯނެޓުން މިހާތަނަށް ރާއްޖޭގެ 68 ރަށަކަށް ދަތުރުކޮށް އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއާއި ގުޅޭ މައުލޫމާތާއި ދަނޑުވެރިކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އެގްރޯނެޓްގައި 2000 އަށްވުރެ ދަނޑުވެރިން މިހާރުވެސް ވަނީ ރަޖިސްޓްރީވެފައެވެ. އެ ކުންފުންޏާއެކު ސޮއިކޮށްގެން 1000 ދަނޑުވެރިން މަސައްކަތް ކުރާއިރު، އޭގެތެރެއިން ދަނޑުގައި ތަކެތި އިންދައިގެން މަސައްކަތްކުރާ 300 އަށްވުރެ ދަނޑުވެރިން އެބަތިބިކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.