އިޓާލިއަން އޯޕަންގެ ދެ ވަނަ ބުރުގައި ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށް، ދުނިޔޭގެ ރޭންކިންގައި އޮތް ޕޮލެންޑްގެ އީގާ ސްވިއަޓެކް ޖެހިޖެހިގެން 25 މެޗުން މޮޅުވެއްޖެއެވެ.
ސްވިއަޓެކަކީ 2000 ވަނަ އަހަރުގެ ފަހުން ޕްރޮފެޝަނަލް ޓެނިހުގައި ޖެހިޖެހިގެން 25 މެޗުން މޮޅުވި ނުވަ ވަނަ ކުޅުންތެރިޔާ އެވެ. އަޒަރެންކާ އަތުން ސްވިއަޓެކް މޮޅުވީ 6-4 6-1 ގެ ނަތީޖާއިންނެވެ. ޓެނިހުގެ ތާރީހުގައި އަންހެން ކުޅުންތެރިއަކު އެންމެ ގިނަ މެޗުން ޖެހިޖެހިގެން މޮޅުވެގެން ރެކޯޑެއް ހަދާފައި އޮތީ 1984 ވަނަ އަހަރު ޖެހިޖެހިގެން 74 މެޗުން މޮޅުވި، ޗެކޮސްލޮވާކިއާ ތަމްސީލްކުރި މާޓީނާ ނަވްރަޓިލޯވާ އެވެ.
ސްވިއަޓެކް، ޓެނިހުގެ ރޭންކިން އެއް ވަނަ އަށް އެރީ މިދިޔަ މާޗް މަހު އެވެ. އެއީ އޮސްޓްރޭލިއާގެ އެއިޝްލީ ބާޓްލީ ކުއްލިއަކަށް ރިޓަޔާކުރަން ނިންމުމާ ގުޅިގެންނެވެ. އަންހެން ޓެނިހުގައި އެންމެ ފަހުން އެންމެ ގިނަ މެޗު ޖެހިޖެހިގެން މޮޅުވީ 2015 ވަނަ އަހަރު އެމެރިކާގެ ޓެނިސް ލެޖެންްޑް ސެރީނާ ވިލިއަމްސް އެވެ. އޭނާ ވަނީ އެ ފަހަރު 27 މެޗު ޖެހިޖެހިގެން ކާމިޔާބުކޮށްފަ އެވެ.