ހަތަރު ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ. އޭގެ ތެރޭގައި ސިވިލް ސާރވިސްގެ ޤާނޫނަށް ގެނައި އިޞްލާހުގެ ބިލާއި، ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލްގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނަށް ގެނައި އިޞްލާހުގެ ބިލު ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ސިވިލް ސާރވިސްގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ ބިލެކެވެ. އެގޮތުން، ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުޞޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުމާއި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ތަސްދީޤްކުރެއްވި ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ޤާއިމުކުރުމާއި، އެ ނިޒާމުތަކުން ޚިދުމަތްދިނުމާބެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން އެކުލަވާލުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. މި ބިލުގައި ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް، ފަސްހާސް ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ޔުޓިލިޓީ ރެގިއލޭޓަރީ އޮތޯރިޓީއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ.
ކުދި އަދި މެދުފަންތީގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލުގައި ވިޔަފާރިތައް ގިންތިކުރާ ގޮތް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، މިއަހަރުގެ ޖުލައި 30ގެ ކުރިން، ރަޖިސްޓްރާރ އަލުން ގިންތިކޮށް ދަފްތަރުކޮށް، ޢާންމުކުރަންވާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސް ތަސްދީޤްކުރެއްވި ދިވެހިރާއްޖޭގެ ފޮރިން ސާރވިސްގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލުގައި ފޮރިން ސަރވިސްގެ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް އެ ޤާނޫނުގައި ބުނާ މާއްދާ ވަނީ އުނިކޮށްފައެވެ. މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ފޮރިން ސާރވިސްގެ ޚިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޢިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި، މި ޤާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ވެސް ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނުތައް ތަޞްދީޤުކުރުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިވަނީ ޢަމަލުކުރަންފަށާފައެވެ.