ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ޤައުމާއި މުޚާޠަބުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޤައުމާއި މުޚާޠަބުކުރައްވާނީ މިއަދު މެންދުރު ފަހު 13:30ގައެވެ. އެމަނިކުފާނު ޤައުމާ މުޚާޠަބުކުރެއްވުން ޕީއެސްއެމްއިން ވަގުތުން ދުރައްދައްކާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ޤައުމާއި މުޚާޠަބުކުރައްވާނީ، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާ، މުސާރައިގެ އޮނިގަނޑަށް ގެންނަވާ ބަދަލުތައް އިޢުލާންކުރެއްވުމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ޤައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމުގެ ވަޢުދު ފުއްދަވާއިރު، މުސާރަތައް 50 އިންސައްތައަށްވުރެ ބޮޑުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މުސާރަ ބޮޑުވާނީ ހަމައެކަނި ޓީޗަރުންގެ ނޫންކަމަށާއި ސްކޫލްތަކުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނާއި އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެގެ. އޭގެ ތެރޭގައި 6498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުން ހިމެނެއެވެ.
ރައީސް ވިދާޅުވެފައިވާގޮތުގައި ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިތުރުގަޑި ހިމަނައިފިނަމަ އެއަށްވުރެ ބޮޑުވެގެންދާނެއެވެ. މިގޮތުން މި ބަދަލާއެކު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000އަށް ބޮޑުވެގެންދާނެއެވެ. އަދި 14،000 ލިބޭ މުވައްޒަފެއްގެ މުސާރަ 28،000އަށް އިތުރުވާނެއެވެ.
ތަޢުލީމީ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްޤީކުރުމަށް މަސައްކަތްކުރާ ދާއިރާއެކެވެ. އެގޮތުން ދައުލަތުން ކަނޑައަޅާ ބަޖެޓުގައި އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވާ އެއްދާއިރާއަކީވެސް ތަޢުލީމީ ދާއިރާއެވެ.
ކޮންމެއަކަށްސް މިއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ހަޔާތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއެވެ. މިދާއިރާ ރަތައްޤީކުރެއްވުމަށް ބޮޑެތި މަސައްކަތްޕުޅުތަކެއް މިހާތަނަށްވެސް ވަނީ ކުރައްވާފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބައްޕާފުޅަކީވެސް ތަޢުލީމީ ދާއިރާ ތަރައްޤީކުރައްވަން މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ހިންނަވަރުގައި ތައުލީމީ މަރުކަޒެއް ޤާއިމުކުރައްވަން މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެއީ އެދުވަސްވަރުގެ ނިސްބަތުން ހިންންވަރު ދަރިންގެ ތައުލީމަށް ކުރެވުނު އެންމެ ބޮޑު މަސައްކަތްކަމަށް އެރަށުމީހުން ފާހަގަކުރައްވައެވެ.
މިއަދު މިފެންނަނީ ހިންނަރު މުހައްމަދު ޞާލިހުގެ ބޭފުޅެއް މިގައުމުގެ ވެރިކަމުގައި ހުންނަވައިގެން މުޅި ރާއްޖޭގެ ތައުލީމު ކުރިއެރުވުމަަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރައްވާތަނެވެ. ތައުލީމީ ދަރިންތަކެއް ބިނާކުރުމަށް ރައީސް ޞާލިހް ގެ ބައްޕާފުޅު މަސައްކަތް ކުރައްވަން ފުރުޞަތު ލިބިވަޑައިގަތީ އަތޮޅުފެންވަރުގައެވެ. ޤައުމީ ފެންވަރުގައި މިމަސައްކަތް ކުރައްވަން އޭނާގެ ދަރިކަލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ފުރުޞަތު ލިބިވަޑައިގަތުމުން މިފެންނަނީ ޤައުމީ ފެންވަރުގައި އެމަސައްކަތް ކުރައްވާތަނެވެ.