ގދ.ތިނަދޫގައި 200 ހައުސިންގ ޔުނިޓް އަޅާދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
އާބާދީގައި 7500އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އެރަށުގައި 200 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވާން 500 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,050,000ރ (އެއް މިލިއަން ފަންސާސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 30ވާ ހޯމަދުވަހުގެ 10:00 ގައި އެ މިނިސްޓްރީގައިކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ދާދިފަހުންވެސް ވަނީ ގިނަ ރަށްތަކެއްގައި ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. އެންމެ ފަހުން ސަރުކާރުން ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ބައެއް ރަށްތަކުގެ ތެރޭގައި ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓް، ޅ.ކުރެންދޫގައި 50 ހައުސިން ޔުނިޓް، ހއ.ދިއްދޫގައި 75 ހައުސިން ޔުނިޓް، ދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް، ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިންގ ޔުނިޓް، ޅ.ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަދި ނ.މަނަދޫގައި 40 ހައުސިން އެޅުމަށް ނިންމާފައިވެއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ރަށްތަކާއި، އަދި ބިމުގެ ޖާގަ ދަތިވެ ގެވަޅު ދިނުމަށް ދަތިވެފައިވާ ރަށްތަކުގައި ސަރުކާރުގެ އެހީގައި ހައުސިންގ މަޝްރޫޢުތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. މިއަހަރުގެ ތެރޭގައި 2000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ހާމަކުރައްވާފައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިވަގުތު 1687 ހައުސިންގ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.