ވިޔަފާރި

އެގްރޯނެޓްގެ ސްޓާޓްއަޕް ޕެކޭޖުން 3 މިލިއަން ރުފިޔާގެ ތަކެތި ދަނޑުވެރިންނަށް ދޫކޮށްފި


އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން މިހާތަނަށް 3 މިލިއަން ރުފިޔާގެ ތަކެތި ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މި ޕެކޭޖް ތައާރަފްކޮށްފައިވަނީ ކޮންޓްރެކްޓް ފާމިން މަޝްރޫއުއާ އެކުއެވެ. އެގްރޯނެޓުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓް އަޕް ޕެކޭޖް" ނެގޭނީ އެކުންފުނިން ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ.

ސްޓާޓްއަޕް ޕެކޭޖާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެގްރޯނެޓުން ވިދާޅުވީ، ދަނޑުވެރިކަމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މާލީ އެހީގެ ގޮތުގައި 276 ފަރާތަކަށް 3 މިލިއަން ރުފިޔާގެ ތަކެތި ދޫކޮށްފައިވާކަމަށެވެ. އަދި ދަނޑުވެރިންނަށް މިތަކެތި ދޫކޮށްފައިވަނީ ބާޒާރުގެ އަގުތަކަށް ވުރެން %20 ހެޔޮ އަގުގައިކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އެގްރޯނެޓާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ 2000 ދަނޑުވެރިންގެ ތެރެއިން 717 ފަރާތަކާއެކު ވަނީ އެއްބަސްވުން ގާއިމްކޮށްފައެވެ. އެގްރޯނެޓުގެ ފަންނީ އެހީއާއި ހިލޭދެވޭ މުޑުވަކާއި ސްޓާޓަރ ޕެކްތަކާއެކު ގިނަ ޢަދަދެއްގެ ދަނޑުވެރިން މިހާރު ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ކުރަމުންދާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތުން ލުއި ލިބި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވުމުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި 150 ޓަނުގެ ތަރުކާރީއާއި މޭވާގެ ބާވަތްތައް އެގްރޯނެޓުން ވަނީ ބާޒާރަށް ނެރެފައެވެ. އަދި އެތަކެތީގެ އަގުގެ ގޮތުގައި ދެމިލިޔަނަށް ވުރެން ގިނަ ރުފިޔާ ދަނޑުވެރިންނަށް ދޫކޮށްފައިވެއެވެ.

އެގްރޯނެޓްގެ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ހުރިހާ އާލާތްތަކެއް ދޫކުރެއެވެ. އޭގެތެރޭގައި މުޑުވަށް އިންދަން ބޭނުންވާ ފާޓިލައިޒަރ، ގަސްތަކަށް ފެންދޭނެ ހޮޅި، ގަހަށް ޖަހަންޖެހޭ ބޭހާއި ކެމިކަލްއާއި، އުދެލި ފަކީރާ ފަދަ ތަކެތި މި ޕެކޭޖްގެ ދަށުން ފޯރުކޮށްދޭނެއެވެ.

މި ޕެކޭޖްގެ ދަށުން ތަކެތި ދޫކުރަނީ އިންސްޓޯލްމަންޓް އުސޫލުންނެވެ. އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.