ޚަބަރު

ޤާނޫނީ ލިޔެކިޔުންތަކުގައި ނަޝީދު ސޮއިކުރައްވައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން
ބޭރުގައި ހުންނަވާ ދުވަސްތަކުގައި ޢާއިލާއިން ޒިންމާވާނެ ފަރާތެއްގެ ގޮތުގައި
އެމަނިކުފާނުގެ ބޭބޭފުޅު އިބްރާހީމް ނާޝިދު ސޮއިކުރައްވައިފިއެވެ.



ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން
ފުރިހަމަ ކުރައްވަންޖެހޭ ޤާނޫނީ ލިޔެކިޔުންތަކުގައި ނަޝީދުގެ ފަރާތްޕުޅުން
ސޮއިކުރައްވާފައި މިވަނީ އެ ލިޔުންތަކުގައި ނަޝީދުގެ ފަރާތްޕުޅުން ސޮއި
ނުކުރައްވަނީސް ރާއްޖެ ބޭރަށް ވަޑައިނުގެންނެވޭނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު
ވިދާޅުވެފައިވަނިކޮށެވެ.



ނަޝީދުގެ ޤާނޫނީ ޓީމުން މިހާތަނަށް ބުނަމުން އައީ ނަޝީދު
އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުން މާލެއިން ބޭރަށް ނުދެވޭ ގޮތަށް
އެމަނިކުފާނުގެ ޢާއިލާގެ މެމްބަރަކު ޒިންމާވާންޖެހޭ ގޮތަށް އެއްވެސް ލިޔުމެއްގައި
އެމަނިކުފާނު ސޮއިކުރައްވަން ބޭނުންފުޅުނުވާކަމަށެވެ. އަދި، އެއީ ނަޝީދާއި ސަރުކާރާއި ދެމެދު ވެފައިވާ
އެއްބަސްވުމަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްވެސް ނަޝީދުގެ ގާނޫނީ
ޓީމުން ވިދާޅުވެފައިވެއެވެ. 

ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ ރައީސް ނަޝީދު
ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް މިހާރު އެއްވެސް
ހުރަހެއްނެތްކަމަށެވެ. އަދި، މިރޭގެ ވަގުތެއްގައި ނަޝީދު ފުރާވަޑައިގަތުމުގެ
މަސައްކަތް އެމަނިކުފާނުގެ ޢާއިލާއިން މިހާރު ކުރައްވަމުން ގެންދަވާކަމަށްވެސް
އުމަރު ނަޞީރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ނަޝީދް ބޭރަށް ފުރާވަޑައިގެންނެވުމަށް
މިހާރު ހަމަޖެހިފައި އެވަނީ އެހެން ގައިދީންނެކޭ އެއް އުޞޫލުން ނިންމަންޖެހޭ ޤާނޫނީ
އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުކަމަށެވެ.  



ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
މައިބަދައިގެ އޮފަރޭޝަނެއް ކުރެއްވުމަށެވެ. ސަރުކާރުން ވަނީ ނަޝީދު ބޭސްފަރުވާއަށް
އިނގިރޭސިވިލާތުގައި ތިރީސް ދުވަހު ހުންނެވުމުގެ ހުއްދަ ދެއްވާފައެވެ.