ޚަބަރު

މަސްވެރިކަންކުރާނެ ދިވެހިން މަދުވެ، ބިދޭސީންގެ ކޯޓާއަށް އެދެނީ


މަސްވެރިކަންކުރާ ދިވެހިންގެ ޢަދަދު މަދުވެ، ބިދޭސީން މަސްވެރިކަމަށް ނެރުމަށް ކޯޓާއަށް އެދުން އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މަސްވެރިކަން ކުރާ ދިވެހިންގެ ޢަދަދު ދަށްވަމުންދާތަން ފެންނަމުންދާކަމަށެވެ. އެކަން އިކޮނޮމިކް މިނިސްޓްރީއަށް ބިދޭސީންގެ ކޯޓާ ހޯދުމަށް އަންނަ އޮޑިވެރިންގެ ޢަދަދުން ހާމަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ފައްޔާޒް ވިދާޅުވީ ޒަމާނީ މަސްދޯނިފަހަރު ތަޢާރަފްވަމުން އައިނަމަވެސް، މަހަށްދާނެ ދިވެހިން ނުވެގެން ބައެއް އޮޑިފަހަރު މަހަށް ނުފުރާކަމުގެ ޝަކުވާވެސް ލިބެމުން އަންނަކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައި ބަޔާންކުރާގޮތުގައި މަސްވެރިކަންކުރާ ދިވެހި އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅެވޭނެ ޢަދަދާއި، އެ ބިދޭސީން ލައްވާ ކުރުވޭނެ މަސައްކަތްތައް ބަޔާންކުރެއެވެ. އެގޮތުން މަސްދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ލައްވާ މަސްވެރިކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ދޯނީގައި އެހީތެރިންގެ ގޮތުގައި ބިދޭސީން ގެންގުޅެވޭނެއެވެ.

"ފިޝަރިޒުން ކަނޑައަޅާފައިވޭ ބިދޭސީންނަށް މަސްވެރިކަން ނުކުރެވޭނެކަމަށް. އެހެންވީމަ ކޯޓާ މިއޮންނަނީ އެހީތެރިވާން މިސާލަކަށް ކައްސާ ދޯނި ސާފުކޮް އެކަންކަންކުރާ މީހުންނަށް. އަލުގަނޑު ދަންނަވަން މިއުޅެނީ އަލުގަނޑުމެން ސަބްސިޑައިޒްކޮށް ދިވެހި ރައްޔިތުންގެ ތެކްސް ފައިސާއިން މަހަށް އަސްލު އަގަށްވުރެ ބޮޑު އަގެއްދޭއިރުގައި ކިހާ ހިސާބަކުންތޯ އަޅުގަނޑުމެން ބިސްނަންވީ މަސްވެރިންނަށް ތިބީ ދިވެހިންތޯ؟ މި ސަބްސިޑީ މިދެވެނީ ކޮންބަޔަކަށްތޯ؟ އޮޑިވެރިޔާއަށްދެވޭ ސަބްސިޑީއެއްތޯ ނޫނީ މަސްދޯނިފަހަރުގައި އުޅޭ ބޭރު ބަޔަކަށް ދެވޭ އެއްޗެއްތޯ؟"

މިނިސްޓަރުގެ ކަންބޮޑުވުންތަކާއެކު ކޮމިޓީގެ މުޤައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ވަނީ އެންމެ ދިވެއްސަކާއެކު މުޅިން ބިދޭސީން ތިބެ މަސްވެރިކަންކުރާ އުޅަނދެއް ދާދިފަހުން ރަށަކުން ފެނުނުކަމަށްވެސް ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 750 ދޯންޏަކަށް މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވެއެވެ. އަދި މަސްވެރިންގެ ގޮތުގައި 17000 އެއްހާ މަސައްކަތްކުރާކަމަށް ފިޝަރީޒް މިނިސްޓްރީން އަންދާޒާކުރެއެވެ.