ޚަބަރު

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ


ޑިޒައިން އެންޑް ބިޑް އުސޫލުން ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ މިމަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

ކޮމަންޑޫއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މި މައްސަލަ ހައްލުކޮށްދިނުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙްގެ ވައުދުފުޅެކެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބިޑުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައެވެ.

ބީލަން ބަލައި ގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއިމަހުގެ 19 ވަނަ ދުވަހަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. ބީލަން ހުޅުވުން އޮންނާނީ 23 މޭ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ.ކޮމަންޑޫގައި ހަތަރު ފަސް ކުދިން ހިމެނޭ ޢާއިލާތައް އެއްކޮޓަޓީގައި ދިރިއުޅެ އެގޮތުގައި އެތައް ޖީލެއް ވަނީ ބޮޑެތިވެފައެވެ. މީގެ ސަބަބުން ރަށުގައި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް ކޮމަންޑޫ ކައުންސިލުން ފާހަގަކުރައްވައެވެ. މިކަންކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލާ ކޮމަންޑޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމަވާ އެކަން އެމްޓީސީސީއާ ވަނީ ޙަވާލުކުރައްވާފައެވެ.

ސަރުކާރުން ގެންދަނީ އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހުރި ގިނަ ރަށްތަކުގައި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ޅ.ކުރެންދޫއާއި، ހއ. ދިއްދޫގައި ހައުސިން މަޝްރޫޢުތަކެއް އަޅާނެ ބަޔަކު ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އަދި ބައެއް ރަށްތަކުގައި ކުރިއަށްދާ ހައުސިން މަޝްރޫޢުގެ މަސައްކަތްތައް ނިންމާ ކައުންސިލްތަކާއި ވަނީ ހަވާލުކޮށްފައެވެ.