އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިޔާގެ ނޭވީއާ ދެމެދު ކުރިއަށްގެންދާ ހަރަކާތްތަކާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ފުޅާވެގެން ދާނެކަން ޔަޤީންކުރައްވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިންޑިޔާގެ ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް ހަރީ ކުމާރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން، އެމަނިކުފާނު ވަނީ މިއަދު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މެރިޓައިމް ސެކިއުރިޓީއާއި މެރިޓައިމް ޑޮމެއިން އެވެއަރނަސްއާއި އެމްއެންޑީއެފްގެ ޤާބިލްކަން އިތުރުކުރުމުގެ ރޮނގުން، އެމްއެންޑީއެފްއާއި އިންޑިޔާގެ ނޭވީއާ ދެމެދު އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ މާރިޔާ ވަނީ، އެމްއެންޑީއެފްގެ ސިފަވަރު ކޯސްޓް ގާޑު ބަނދަރާއި ޑޮކްޔާޑުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓު އިންޑިޔާއިން ހުށަހަޅާފައިވާކަން ފާހަގަކުރައްވާ، އެރިޕޯޓުގެ ރިވިޔު ދާދި އަވަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.
އިންޑިޔާއާއި ރާއްޖެއާ މެދު ދިފާޢީ އަދި ސަލާމަތީގޮތުން އޮތް ގުޅުން މީގެ ކުރިން ފެނިފައިނުވާ ވަރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ ރާއްޖެއިން ބޭނުން ޖެހިއްޖެ ކޮންމެ ދަނޑިވަޅެއްގައި އިންޑިޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ކޯވިޑް-19 ގެ ތެރޭގައި ރާއްޖެއަށް ބޭހާއި ޞިއްޙީ އާލާތްތައް ފޯރުކޮށްދިނުމުގައި އިންޑިޔާގެ ނޭވީން ވެދިން އެހީތެރިކަމާއި އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދުތައް މަރާމާތުކޮށް ދިނުމުގައި ނޭވީން ވަމުން ގެންދާ އެހީތެރިކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިޔާގެ ނޭވީއާ ދެމެދު ކުރިއަށްގެންދާ އެކަތަ ފަދަ ޖޮއިންޓް އެކްސަސައިޒް ތަކާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ފުޅާވެގެން ދާނެކަން ޔަޤީންކުރައްވާކަމަށް މިނިސްޓަރ މާރިޔާވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމަށް ފަހު، އެޑްމިރަލް އާރް. ހަރީ ކުމާރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދު އޮތް އެކުވެރި ބަދަހި ގުޅުމާ ބެހޭގޮތުންނާއި މެރިޓައިމް ސޭފްޓީއާއި، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ ތަމްރީނާއި، އީއީޒެޑް ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ ބިޔުރޯގައެވެ.
އެޑްމިރަލް އާރް. ހަރީ ކުމާރު، ސިފައިންގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ބައެއް އާލާތްތައް ވަނީ މިއަދު ހަވާލުކޮށްދެއްވާފައެވެ.
އެޑްމިރަލް އާރް. ހަރީ ކުމާރު، ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު، ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކުރައްވައި، ސްޕެއަރސްއާއި ބައެއް އާލާތްތައް ވަނީ ހަދިޔާކުރައްވާފައެވެ. އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި މި ތަކެތި އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ. އަދި ކޯސްޓްގާޑު ޝިޕް ހުރަވީއާއި "ކޯސްޓްގާޑު ކާމިޔާބު" އުޅަނދަށް ހަދިޔާކުރެއްވި މި ތަކެއްޗާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ. އެޑްމިރަލް އާރް. ހަރީ ކުމާރު ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުރެއްވި ޒިޔާރަތުގައި އެ ޝިޕްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.
އޭޕްރިލް 17 އިން 20 އަށް އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށާއި، ފޮރިން މިނިސްޓްރީއަށް ވެސް މިއަދު ވަނީ ޒިޔާރަތްކުރައްވާފައެވެ.