އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރެވޭނެކަމަށާއި، މި މައްސަލާގައި ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށްވުރެ ބޮޑެވެ.
އޭސީސީއަށް އައްޔަންކުރެއްވި އައު މެންބަރުން ކޮމިޝަނާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ފެށްޓެވި އެއް މަސައްކަތަކީ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އިތުރަށް ތަހުގީގްކޮށް އެ މައްސަލަ ގެންދާނެ ގޮތުގެ ޓައިމްލައިނެއް ކަނޑައެޅުމެވެ. އެގޮތުން އެ މައްސަލަ ކުރިއަށްގެންދާނެ އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާމިލް ވިދާޅުވީ، ދައުލަތުން ގެއްލިގެން ދިޔަ ފައިސާއާއި ތަކެތި އަނބުރާ ދައުލަތަށް އިއާދަކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ގެއްލުނު ފައިސާއާއި ތަކެތި ހޯދުމުގައި އެއަށްވުރެ ބޮޑު ޚަރަދެއް ކުުރަންނުޖެހޭނެގޮތަށް މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އޭސީސީގެ ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށްގެންދަވަނީ މުއްދަތުތަކެއް ކަނޑައަޅުއްވައިގެންކަމަށެވެ. އެކަމުގެ ސަަބަބުން އެ މައްސަލަ ކުރިއަށް ގެންދިއުން އަވަސްވެ އިތުރު ކޮރަޕްޝަންގެ މައްސަލަތައްވެސް ނިންމުމަށް ފަސޭހަވެގެންދާނެކަމަށް ޝާމިލް ވިދާޅުވިއެވެ.
މަސައްކަތްތައް އަވަސްކޮށް މައްސަލަތަކާމެދު ދައުވާކުރުމުގައި އަވަހަށް ގޮތް ނިންމުމަށްޓަކައި ކަމާއި ގުލުންހުރި މުއައްސަސާތަކާ މަޝްވަރާކުރަމުން އަންނަކަމަށާއި، މި މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރުންވެސް ހިނގާނެކަމަށާ، ދައުލަތުން ގެއްލިފައިވާ ފައިސާއާއި ތަކެތި އޭސީސީގެ ވަސީލަތާއި ކެރިކުޅަދާނަކަމާއި ޤާބިލްކަން ހުރިމިންވަރަކުން ދައުލަތަށް އަނބުރާ ހޯދައިދެއްވާނެކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.
"އަޅުގަނޑަށް ދަންނަވަން ކެރިދާނެ އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތޭ. އެ ޕްލޭން ތަންފިޒްކުރަމުންދާ މިންވަރު ގާތުން ބަލާނަން. އޭގެ ސަބަބުން ދިމާވަ ގޮންޖެހުންތަކާއި ރަނގަޅުކުރަންޖެހޭ ކަންކަން ބަލައި ލަނޑުދަނޑިއާއި އަމާޒަށް ދިއުމުގެ ކެރުންތެރިކަން އެބަހުރި. އަޅުގަނޑުމެންގެ ކިބާގައި ހުރި ޤާބިލްކަމާއި ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެވޭތޯ މަސައްކަތްކުރަން (އޭސީސީ) ތައްޔާރަށް އޮތްކަމުގެ ޔަޤީންކަންދެން." ޝާމިލް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.
ޝާމިލް ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދަވަނީ މި މައްސަލަތަކުގެ ތެރޭގައި ޝަމިލުނުވާ މީހުންވެސް ޝިކާރައަކަށްވެފައި ތިބޭނެކަމާއި، އެތައް ބައެއްގެ ހައްގުތައްވެސް އޮތްކަން ދަނެގެންކަމަށެވެ. މި މައްސަލާގައި ނުހިމެނޭ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ރިޔާއަތްކޮށްގެންވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭސީސީގެ އައު ރައީސް ވިދާޅުވިއެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލަ އަވަސްކުރުމަށް، އެ ޚިޔާނާތުން މަންފާވި ކަމަށް ބުނާ މީހުންގެ މައްސަލައާއި، ނުއަގުގައި ދޫކުރި ރަށްތަކުގެ އަމައަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކުއެކީ ކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.
ޤާނޫނާ ޚިލާފަށް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ހަމައަގު ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް އޭސީސީން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ ރަށްތަކުން ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ވެފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ އެހެން އިދާރާތަކާވެސް ގުޅިގެން ކުރިއަށްގެންދާ މައްސަލައެއްކަމުން އެ އިދާރާތަކާއިވެސް މަޝްވަރާކޮށްގެން އަވަސްކުރެވޭނެ ހުރިހާ މަގެއް ބަލަމުން އަންނަކަމަށް އޭސީސީން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް ތަހުގީގް ހިންގި އިދާރާތަކުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށްވުރެ ބޮޑެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައާއި، އޭސީސީން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލާއި މެންބަރު އަލްއުސްތާޛާ ޝިޔާމާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި ރާއްޖެ މިއަދު ޕްރޮގްރާމް މިރޭ 9 ޖަހާއިރު ޕީއެސްއެމް ނިއުސްއިން ދައްކާނެއެވެ.