ޚަބަރު

ޖަލުތައް ރަނގަޅުކުރަން އެންމެ މަސައްކަތްކުރީ މި ސަރުކާރުން


ޤައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ޤައުމީ މައްސަލައެއްކަން މިސަރުކާރުން ޤަބޫލުކުރާކަމަށާއި، އެކަމަށް ފަރުވާ ހޯއްދަވާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 25 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު އައީ ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ޖަލުތަކާމެދު އުފެދިފައިވާ ކިލަނބީ ތަސައްވަރު, ދިލާސީކުރުމުގެ ފުރިހަމަ ތަސައްވަރަކާއެކުކަމަށެވެ. މިޒިންމާއާ ހަވާލުވީއިރުވެސް ޖަލުތަކުގެ ހާލު ރަނގަޅަށް ދެނެހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޤައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ޤައުމީ މައްސަލައެއްކަން މިސަރުކާރުން ފުރިހަމައަށް ޤަބޫލުކުރައްވާކަމަށެވެ. މިސަބަބާހުރެ ޖަލުތައް ހިންގުމުގެ މުޅި ނިޒާމް ރިފޯމްކޮށް, އިންސާނީ ކަރާމާތާއި, އަސާސީ ހައްޤުތަކަށް ކަށަވަރުވާނޭ ފަދައިން ޖަލުގެ ކަންކަން ތަރުތީބުކޮށް ހިންގުމަށް ބޭނުންވާނެ ޑައިރެކްޝަން އަބަދުވެސް ދެއްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް ނުކުރާ މަސައްކަތް އަޅުގަނޑުމެން ކޮށްފައިވާކަން ފުރިހަމަ ޔަޤީންކަމާއެކު އަޅުގަނޑު ޤަބޫލުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގައި ޖަލު އޮޑިޓްކޮށް ފުރިހަމަ ރިޕޯޓެއް އެކުލަވާލެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަލު އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ މުހިއްމުކަންކަން ކަރެކްޝަނަލް ސަރވިސްއިން މިހާރުވެސް ކޮށްފައިވާކަމަށާއި, އަދި ނުކުރެވިހުރި ކަންކަންވެސް ކުރެވޭނެ މަގު ފަހިކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖަލު އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކުރަމުންދާ ކަންކަން އަދި ކޮށްފައިވާ ކަންކަން އެކަމަށް ޚާއްޞަކުރެވިފައިވާ ކޮމިޓީއަކާއެކު ގާތުން ބައްލަވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރުހުރި ގިނަ ޖަލުތަކަކީ އުފެދުމުގައި އެހެންކަމަކަށް ބޭނުންކުރާގޮތަށް އިމާރާތްކޮށްފައިވާ ޖަލުތަކެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް މަސްކިރާ ގުދަނެއް, ކާށި އެއްކުރާ ގުދަނެއް. މިތަންތަނުގައި ޤައިދީން ގެންގުޅެން ޖެހުމުން އެކަމުގައި އުފުލަންޖެހޭނެ ބުރައާއި ލިބޭނެ ނިކަމެތިކަން އަޅުގަނޑަށް ތަސައްވަރުކުރެވޭ. ޖަލުގައި ބޭނުންކުރެވޭ ބައެއް މަދު އިމާރާތްތަކަކީ ޖަލުގެ ގޮތުގައި ބޭނުންކުރަން އިމާރާތްކޮށްފައިވާ އިމާރާތްތައްކަމުގައި ވީނަމަވެސް އެތަންތަން ހުރީ އިންސާނީ ކަރާމާތާއި, އިންސާނީ ހައްޤުތަކަށް ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލައިގަތުމަށް އެކަށީގެންނުވާ ދަށް ފެންވަރެއްގައިކަން އެއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ހަޤީޤަތެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާންގެ ވާހަކަފުޅުގައި، ކަރެކްޝަންގައި ތަމްރީނުދިނުމަށް އެންމެ އެކަށޭނަ ވަޞީލަތްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވިދާޅުވީ، 50 އަހަރުވީ އެޚިދުމަތުގައި ޒަމާނާ އެއްވަރަށް ޓްރެއިނިންގ ދެވޭނެ މަގުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. އަދި މިކަމަށް މިއަދު ވަރަށް ބޮޑު ހައްލެއް ހޯދާދެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ތެރެއިން, ޤާނޫނު ތަންފީޒުކުރާ ހުރިހާ މުއައްސަސާތަކަށް ބޭނުންވާނެ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް މިއަދު އެކަށީގެންވާ ނިޒާމެއް ޤާއިމްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖަލުތަކުގައި ނުވަތަ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި 2000 އެއްހާ ޤައިދީން ތިބިއިރު، ހައެއްކަ ސަތޭކަ އޮފިސަރުންނަކީ މިކަން ކުރުމަށް އެންމެ އެކަށީގެންވާ އަދަދެއްނޫންކަމަށާއި, މިކަމުގެ ސަބަބުން ޤައިދީންނަށް ދޭންޖެހޭ ޚިދުމަތަށް ޚާއްޞަކޮށް ރިހިބިލިޓޭޝަންގެ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވި, އެކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވުމުން ޖަލުތަކުން ނެރޭ ޤައިދީންނަށް އެންމެ ފުރިހަމަ ގޮތުގައި ޕްރޮގްރާމް ހިންގިފައިނުވާކަން ޤަބޫލުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޖަލުގައި އެކަށީގެންވާ މިންވަރަށް އިންސާނީ ވަޞީލަތް ޤާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް ވިދާޅުވިއެވެ.

"ސަރުކާރު ހަވާލުވެ, ކޯވިޑްގެ ހާލަތުގެ ކުރިން 60 އޮފިސަރުން އަލަށް އިތުރުކުރިން. 4 އަހަރެއްހާ ދުވަހަށްފަހު ގާތްގަނޑަކަށް 400 އެއްހާ އޮފިސަރުންނަށް ޕްރޮމޯޝަން ދިނިން. ކޯވިޑާއެކު މިދިޔަ ދެއަހަރު މިކަން ކުރުމުގައި ވަރށްބޮޑު ދަތިކަމަކަށްވި. ކޯވިޑުން އަރައިގަނެ, މިއަހަރު ޢާއްމުހާލަތަށް ރުޖޫއަވާން ފެށުމާއެކު އަޅުގަނޑުމެން ވާނީ އޮފިސަރުން ނެގުމުގެ ވަރަށް ފުޅާ ޕްރޮގްރާމެއް ފަށާފަ. އިރާދަކުރެއްވިއްޔާ މިއަހަރު މުޅިން އަލަށް 180 އޮފިސަރުން ނެގުމަށް ވާނީ ނިންމާފައި. އެއޮފިސަރުންނަށް ތަމްރީނު ދެވުމުން މިހާރުހުރި މައްސަލަތަކަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް ގިނަ އޮފިސަރުންތަކެއް ކަރެކްޝަނަށް ނެގެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސީދާ އެހީތެރިކަމާ އެކުކަމަށެވެ. އަލަށް ގުޅުނު ކަރެކްޝަން އޮފިސަރުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ އެއޮފިސަރުން ހަވާލުވަނީ ވަރަށްބޮޑު ޤައުމީ މަސައްކަތަކާކަމަށެވެ. އެއީ ހުރިހާ ދިވެހިން އުފުލަން ޖެހޭ މުހިއްމު މަސަކަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.