ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ބާޒާރަށް ނެރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓުން ރޯދަމަހުގެ މިހާތަނަށް 43 ޓަނުގެ ކަރާ ބާޒާރަށް ނެރެފައިވާކަމަށް އެކުންފުނީގެ ސީއީއޯ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.
ރޯދަމަހު ބާޒާރުގައި ކަރާގެ އިތުރުން އެހެން ބައެއް ދަނޑުވެރިކަމުގެ އުފެއްދުމުގެ އަގު އުފުލޭތީ އެގްރޯނެޓުން މިއަހަރުގެ ރަމަޟާންމަސް ފެށުމުގެ ކުރިން ވަނީ މިތަކެތި ހެއްދުމުގެ މަސައްކަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ ސީއީއޯ ހާރޫން ރަޝީދު ވިދާޅުވީ، މިއީ އެ ކުންފުނި އުފެދުނުފަހުން ކޯވިޑް ލުއިދީފައިވާ ފުރަތަމަ ރަމާޞާންމަސް ކަމުން ރަމަޞާންމަހަށް ތައްޔާރުވުމަށް ދުރާލާ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ 43 ދަނޑުވެރިއަކާއެކު ކަރާ ހެއްދުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަމަށް ހާރޫން ވިދާޅުވިއެވެ.
ހާރޫން ވިދާޅުވީ ރަމަޞާންމަހު އެގްރޯނެޓުން ބާޒާރަށް 120 ޓަނުގެ ކަރާ ނެރެވޭނެކަމަށާއި މިހާތަނަށް 43 ޓަނުގެ ކަރާ ބާޒާރަށް ނެރެވިފައިވާކަމަށެވެ.
" ދުރާލާ ތައްޔާރުވެގެން އަޅުގަނޑުމެން މިހާހިސާބައް އައިއިރު އަޅުގަނޑުމެން ރޯދަމަހަކީ ވަކިން ޙާއްސަކޮށް ކަރާ ޑިމާންޑް ބޮޑު މަހަކަށްވާތީ ކަރަލަށް ޙާއްސަ އިސްކަމެއްދީގެން ކަރާ ހެއްދުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވުނު. އޭގެތެރޭގައި 120 ޓަނުގެ ކަރާ މުޅި ރާއްޖޭގެ 43 ރަށުގެ ދަނޑުވެރިންނާއިއެކު މަސައްކަތްތައް ކުރެވިގެން މިހާހިސާބައް އައިއިރުގައި މިމަސް ތެރޭގައި އަޅުގަނޑުމެން ބާޒާރަށް ނެރެވޭނެކަމަށް މިބަލަނީ 120 ވަރަކަށް ޓަނުގެ ކަރާ. މިހާތަނަށް އައިއިރު 43 ޓަނުގެ ކަރާ އަޅުގަނޑުމެން ބާޒާރަށް ނެރެފިން." ހާރޫން ވިދާޅުވިއެވެ.
އެގްރޯނެޓުގެ އުއްމީދަކީ ގިނަ ޢަދަދެއްގެ ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެވިގެން ދިއުމެވެ. އަދި ރަމަޟާންމަހުގެ ހުރިހާ ހިސާބެއްގައިވެސް އެތަކެތި ބާޒާރުގައި ހެޔޮ އަގުގައި ލިބެން ހުރުމެވެ. ކަރާގެ އިތުރުން ބަރަބޯ، ބަޓާނާ، ތޮރާ، ކިއުކަންބާ، ފަޅޯ އަދި ފަތްކޭލުގެ ބާވަތްތައް ގިނަ ޢަދަދަކަށް ބާޒާރަށް ނެރެވޭނެކަމަށް އެގްރޯނެޓުން ބުނެއެވެ.
ރާއްޖޭގެ އަތޮޅުތައް 5 ސަރަޙައްދަކަށް ބަހާލެވިގެން، މުޑުވައްކުރާ ދުވަހުން ފެށިގެން ތަކެތި ބާޒާރަށް ނެރުމާ ހަމައަށް ދުރާލާ އިންތިޒާމް ކުރެވިގެން ހިންގޭ ދަނޑުވެރިކަމުގެ އާމޮޑެލްގެ ދަށުން ދަނޑުވެރިކަން ކުރުމަށްޓަކައި 707 ފަރާތަކުން ވަނީ ދަނޑުވެރިކަން ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެފަރާތްތަކުން ދަނޑުވެރިކަން ފެށުމަށްޓަކައި ދެވޭ ސްޓާޓާރ ޕެކް 276 ފަރާތަކަށް ވަނީ ދޫކޮށްފައެވެ. އަދި 273 ފަރާތަކުން މިހާރު ވެސް ޢަމަލީގޮތުން ދަނޑުވެރިކަން އަންނަނީ ކުރަމުންނެވެ.