ޚަބަރު

މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑުއަހައި، ހައްލު ގެނެސްދީފި


ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރުމުގައި ކުރިމަތިވި ދަތިތަކާއެކު އުފެދިގެންދިޔަ ކަންބޮޑުވުންތަކަށް ހައްލުކޯށް، ސަރުކާރުން މަސްވެރިންނަށް މަސްކިރޭނެ ގޮތް ހަމަޖައްސަވައިފިއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްބާނާ މިންވަރު އިތުރުވުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްދޯނިތަކުން އިއްޔެ ވަނީ ގއ.ކޫއްޑޫ ކައިރީގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލާފައެވެ. މަސްވެރިންގެ އަޑު އެހުމަށްފަހު ސަރުކާރުން ވަނީ މަސްކިރުވުމަށް ކިއުގައި ތިބި ހުރިހާ ދޯންޏެއްގެ މަސް ކިރޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ.

ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސް ނުކިރިގެން މަސްވެރިން ކުރާ ޝަކުވާތައް އަޑުއެހުމަށްފަހު، މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު ރޭ އަލުން މަސްކިރަން ފަށާފައިވާކަމަށެވެ.

އެގޮތުން މަސްވެރިންނަށް އެއްބަސްވެވޭފަދަ ގޮތަކަށް ސަރުކާރުން ވަނީ އިމްޕްލިމެންޓޭޝަން ޕްލޭނެއް ހައްސަވާފައެވެ. އަދި، މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސަވައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ. މި ޕްލޭންގެ ދަށުން މަސްކިރާނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގަވާފައެވެ. އަދި ރޭގެ ނިޔަލަށް ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގައި ހުރި ހުރިހާ މަހެއް ކިރޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި ސަރުކާރުން ދަނީ ވަގުތުތުންވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ވަނީ ގެނެސްފައެވެ. މީގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް މިހާރު ގެނެސްފައިވެއެވެ.

މިފްކޯއިން މިހާރުވެސް މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ އެހެން ކުންފުނިތަކުން މަސްވެރިންގެ އަތުން ގަންނަމުންދާ ޢަދަދަށްވުރެ އިތުރަށެވެ. މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންގެ އަތުން 19،000 ޓަނުގެ މަސްގަނެ މަސްވެރިންނަށް 300 މިލިއަން ރުފީޔާ ދީފައިވާކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމާއި، 4000 ޓަނުގެ ފިނި ކޮށާރު، އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.