ޚަބަރު

އާރަށުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި


ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ. މިދެދައުވާވެސް މަދަނީ މިންގަނޑު ކުރިއަށް ގެންދެވޭނެކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުން ވަނީ ނިންމާފައެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ ދައުވާ ކުރިއަށް ގެންދެވޭ ވަރުގެ ހެކިތަކެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި ރިޝްވަތުގެ އެއްވެސް އަމަލެއް ރައީސް ޔާމީން ނުހިންގަވާކަން ފާހަގަކޮށްފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ މުއާމަލާތް ހިންގި އިރު ރައީސް ޔާމީން ހުންނެވީ ގާނޫނީ ގޮތުން އެއްވެސް ވިޔަފާރިއެއް ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ.

ދެ ފަރާތުގެ ވާހަކަވެސް އަޑުއެހުމަށްފަހުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް އޮތް ކަމަށް ދައުލަތާއި ދައުވާ ރައްދުވާ ދެ ފަރާތުން ވެސް ފާހަގަ ކުރެއްވުމުން ގާޒީ ވަނީ 15 ދުވަހުގެ ފުރުސަތެއް ދެއްވަން ނިންމަވާފައެވެ.