ޚަބަރު

އެއަރޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


އިބްރާހިމް ނާސިރު އިންޓަނރޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދާ ރަންވޭ މަރަމާތުކުރެއްވުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިފިއެވެ. އެއަރޕޯޓުގެ ރަންވޭ މަރާމާތު ކުރެއްވުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ ފަރާތުން ހަވާލުކުރައްވާފައި ވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ސިނޯ-ހައިޑްރޯ ކޯރޕަރޭޝަން ލިމިޓެޑާއެވެ. ރަންވޭ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސް އެކުންފުނީގެ އިންޖިނިއަރުންނާއި، މަސައްކަތު މީހުން އެއަރޕޯޓުގައި ރޭ ވަނީ މަސައްކަތް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު އެއަރޕޯޓުގައި ބޭނުންކުރަމުންދާ ރަންވޭގެ މަތިން އިތުރު ސާރފޭސްއެއް އެޅުމަށްފަހު ތާރުއަޅާ، ރަންވޭ އާ ކުރުމަށް ހަމަޖެހިފައިވެއެވެ.ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރަންވޭގެ 80 މީޓަރާއި 120 މީޓަރާއި ދެމެދުގެ ސަރަޙައްދެއް ކޮންމެ ދުވަހަކު މަރާމާތުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކުންފުނީގެ އަމާޒަކީ 90 ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ އެއަރލައިންތަކަށާއި، ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫނާރާނެފަދަ ގޮތަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނީ މެންދަމު 12:00 އިން ފެށިގެން ހެނދުނު 6:00އާއި ހަމައަށްކަމަށް އާދިލް ފާހަގަކުރެއްވިއެވެ.3400 މީޓަރު ދިގު އަދި 45 މީޓަރު ފުޅާ މި ރަންވޭ މަރާމާތުކުރުމަށް ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އެމް.އޭ.ސީ.އެލުން ހާމަކުރައްވައެވެ.މިހާރު ބޭނުންކުރަމުންދާ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާއިރު، އެއަރޕޯޓުގައި އަލަށް އެޅުމަށް ހަމެހިފައިވާ ރަންވޭގެ ޑީޓެއިލް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އަލަށް އެޅުމަށް ހަމަޖެހިފައިވަނީ 3600 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. މި މަސައްކަތަށް ބޭނުންވާ ފައިސާ ޗައިނާގެ އެގްޒިމް ބޭންކުން މިހާރުވަނީ ހަމަޖެހިފައެވެ. އާ ރަންވޭ އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް މާރޗްމަހު ތެރޭ ފެށޭވަރުވާނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއްވައެވެ.