ދުނިޔެ

އީރާނުން ޖަލަށްލާފައިވާ އެމެރިކާގެ 4 މީހަކު މިނިވަން ކޮށްފި


އެމެރިކާއަށް ޖާސޫސު ކޮށްދިނުމުގެ ކުށުގައި އީރާނުން ޖަލުގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ 4 މީހުން މިނިވަންކޮށްފިއެވެ.އީރާނުގެ ރަސްމީ ޓީވީން ބުނީ އެޤައުމުގައި ޖަލު ޙުކުމެއް ތަންފީޒުކުރަމުން ގެންދިޔަ އެމެރިކާގެ 4 މީހުން މިހާރު މިނިވަންކޮށްފައިވާ ކަމަށެވެ. މި 4 މީހުންނަކީވެސް އެމެރިކާގެ ޕާސްޕޯޓް އޮންނަ އީރާން ދަރިކޮޅުގެ ބައެކެވެ. އީރާނުގެ މިފިޔަވަޅަށް އެމެރިކާއިން ވަނީ މަރްޙަބާ ކިޔާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ އީރާނުގެ މިފިޔަވަޅަށް އެމެރިކާ މަރްޙަބާ ކިޔާ ކަމަށާއި މިނިވަންކުރި އެމެރިކާގެ 4 މީހުން ވަރަށް އަވަހަށް އެމެރިކާއަށް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.އީރާނުން މި މީހުން މިނިވަން ކޮށްފައިވަނީ އެ ދެ ޤައުމުގެ އިސް މަސްޢޫލުވެރިންގެ މެދުގައި ވި އެއްބަސްވުމެއްގެ ދަށުންކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުން މިނިވަންކުރި 4 މީހުންގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓަރެއް ކަމަށްވާ ޖީސަން ރިޒާއިޔާން އާއި އެމެރިކާ ސިފައިންގެ ޚިދްމަތުގައި ކުރިން އުޅެފައިވާ އަމީރު ހިކްމަތީ ހިމެނެއެވެ.