ޚަބަރު

130 ކިލޯގެ ޑްރަގްސް: ދެ ބޮޑުން ދޫކޮށްލުމުން ހައިކޯޓަށް


ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނު ދެ މީހުން ދަށުކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ކަންނެލި ދޯންޏެއްގައި ރާއްޖޭ އެތެރެކިރި މަސްތުވާތަކެތީގެ މައްސަލާގައި 6 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާނީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ. މި ދެމީހުންނަށް ބޭސްފަރުވާއަށް ލުއި ދީ ކްރިމިނަލްކޯޓުން މިމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މީހުންނަށް ބޭސްފަރުވާއަށް ލުއި ދިނީ ދެ މަސްދުވަހުގެ މުއްދަތަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށާއި ރޭގަނޑު ބޭރުގައި ނޫޅުމަށް ވަނީ މި ދެމީހުންގެ މައްޗަށް ކްރިމިނަލްކޯޓުން ޝަރުތުކޮށްފައެވެ.

ކޯޓުން ދޫކޮށްލި ޝަހީބް އިބްރާހިމްގެ ނަފްސާނީ މައްސަލަތަކާއި ކަށީގެ މައްސަލަތަކެއް ހުރިކަމަށް އޭނާގެ ވަކީލުން ވަނީ ކޯޓުގައި ބުނެފައެވެ. ދެން މި މައްސަލާގައި ހިމެނޭ އަހްމަދު މޫސާގެ ވަކީލުން ބޫނީ އަހްމަދު މޫސާއަށް ނޭވާލާ ނިޒާމުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ހިމެނޭ އަދި މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޝަހީބް އިބްރާހިމުގެ މައްޗަށް ބޮޑު ތިން ދައުވާއެއް ވަނީ އުފުލާފައެވެ. މިމައްސަލާގައި ހިމެނޭ އަހްމަދު މޫސާގެ މައްޗަށް ވަނީ 3 ދައުވާއެއް އުފުލާފައެވެ.

ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރކަން ކޮށްފައިވާ މި ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން ހުރި މީހެއްކަމަން ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާންގެ 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު ހިންގި ހާއްސަ އޮޕަރޭޝަންގައި 130 ކިލޯގެ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ހުޅުމާލޭ ފަޅުތެެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރައްކާކޮށްފައި ހުއްޓައެވެ. މިތަކެތި އަތުލައިގަތީ އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގައެވެ.