ސިޔާސީ

ތަރައްޤީގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުން


ތަރައްޤީގެ ރޮނގުންނާއި، އިޤްތިޞާދީގޮތުން ޤައުމަށް ކުރިއެރުން ގެނެއުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބޮޑެތި މަޝްރޫޢުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުން މުހިއްމުކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.އަތޮޅުތެރޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވަލައްވާ ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވިފަހުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި ވަރަށް ގިނަ މަޝްރޫޢުތަކެއް، ޚާއްސަކޮށް އަތޮޅުތެރޭގައި ބޮޑެތި މަޝްރޫޢުތަކެއް ކުރިޔަށްގެންދަވާ މަންޒަރުކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްދާ ބަނދަރުގެ މަސައްކަތްތަކާއި، ފެނާއި، ނަރުދަމާގެ މަޝްރޫޢުތަކަށް ބެލިނަމަވެސް، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ތަރައްޤީއެއް މި ޤައުމަށް ގެނެސްދެއްވި ވެރިއަކު ރައީސް ޔާމީން ފިޔަވައި ނެތްކަމަށެވެ.ރިޔާޒް ރަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަވާ ތަރައްޤީގެ މުހިއްމު މަޝްރޫޢުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހަވާލުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ކުންފުނިތަކަށް ވާ ފައިދާ އިތުރުވެފައިވާ ކަމަށެވެ.އެމް.ޑީ.ޕީގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރިޔާޒް ރަޝީދު ވިދާޅުވީ، އޭރުގެ ސަރުކާރުން އަމަލުކުރެއްވިގޮތުން އެމް.ޓީ.ސީ.ސީ ކަހަލަ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތައް ހިންގަމުންދިޔައީ ގެއްލުމުގައި ކަމަށެވެ. އަދި އެފަދަ ކުންފުނިތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދިޔަކަމަށްވެސް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.