ފެން ލޮނުވުމުގެ ސަބަބުން ބ.އަތޮޅުގައި ދަށުވެރިކަން ކުރާ އަންހެނުންފުށިން މިއަހަރު ރޯދައަށް ބާޒާރަށް ނެރޭނީ މަދު ބާވަތަކެއްކަމަށް އެރަށުގައި ދަޑުވެރިކަން ކުރާ ޤަމީރާ އާދަމް ބުނެފިއެވެ.
މިއަހަރުގެ ރޯދަމަހަށް ދަނޑުވެރިކަމުގެ މަދު ބާވަތެއް މާކެޓަކަށް ނުނެރެވުން އެއީ ވިޔަފާރިއަށް ލިބޭ ހީނަރުކަމެއްކަމަށް އޭނާ ބުންޏެވެ.
މަޝްހޫރު ދަނޑުވެރިޔާ ގަމީރާ އާދަމް ކުއްޔަށް ހިފައިގެން ހިންގަމުން އަންނަ ބ.އަތޮޅު އަންހެނުންފުއްޓަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެވެ. ރާއްޖޭގެ ގިނަ ރިސޯޓްތަކަކަށް ދަނޑުވެރިކަމުގެ އެކި ބާވަތްތައް މާކެޓް ކުރާ މިރަށުން މި ފާއިތުވި ތިން ރޯދަމަހުވެސް ބާޒާރަށް ނެރުނީ ވަރަށް މަދުބާވަތެއްގެ ތަކެއްޗެވެ. 2019 ވަނަ އަހަރު އެކަން ނުވީ ގަމީރާ އާއިލާ މީހަކު ބަލިވެގެން އަންހެނުންފުށިން ބޭރުގައި އުޅެންޖެހުމުންނެވެ.
2020 - 2021 މި ދެއަހަރު ދަނޑުވެރިކަމުގެ ބާވަތްތައް ނުހެއްދީ ކޯވިޑްގެ ބަލިމަޑުމާގުޅިގެން ރިސޯޓްތައް ބަނދުވެ މާކެޓް ނެތުމުންނެވެ. 13 އަހަރުވަންދެން ގިނަ އަދަދެއްގެ ބާވަތްތައް މާކެޓަށް ނެރުނު މި ރަށުން މިއަހަރުވެސް އެކަށީގެންވާ ވަރަށް ބާޒާރަށް އެއްޗެހި ނުނެރެވޭނެކަމަށް ގަމީރާ ބުންޏެވެ.
ގަމީރާ ބުނީ މިއަހަރު ރޯދައަށް ހެއްދި ގިނަ ގަސްތަކެއް ހަލާކުވެގެންދިޔަކަމަށެވެ. އެއީ އިރުވައި މޫސުމުގައި ވިއްސާރަ ނުވެހުމުން ރަށުގެ ފެން މާބޮޑަށް ލޮނުވުމުން ކަމަށް ގަމީރާ އާދަމް ޕީއެސްއެމް ނިއުސްއަށް ދަޑުވެރިކަމުގެ ވާހކަތައް ކިޔައިދެމުން ބުންޏެވެ.
13 އަހަރު ވަންދެން ކޮންމެ ރޯދަމަހަކުވެސް 15-20 ޓަނުގެ ކަރާ ބާޒާރަށް ނެރުނު އަންހެނުންފުށިން މިއަހަރު ބާޒާރަށް ނެރެވޭނީ އެންމެ 5 ޓަނާ ގާތްކުރާ އަދަދަކަށެވެ. މީގެއިތުރުން ފަޅޯ، ބަށި، ކިއުކަމްބާ، ބަޓާނާ އާ ޓޮމާޓޯ ކޮންމެވެސް ވަރަކަށް ބާޒާރަށް ނެރެވޭނެކަމަށް ގަމީރާ ބުންޏެވެ. އަދި ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން ކޮޕީ ފަތް މިއަހަރު ބާޒާރަށް ނުނެރެވޭނެކަމަށް ގަމީރާ ބުންޏެވެ. އެހެންނަމަވެސް ލެޓިއުސް ކޮންމެވެސްވަރަކަށް ބާޒާރަށް ނެރެވޭނެކަމަށް އޭނާ ބުންޏެވެ. އަދި އަންހެނުންފުށިން މިރުސް އެއްވެސްވަރަކަށް މިއަހަރުގެ ރޯދަމަހު ބާޒާރަކަށް ނުނެރެވޭނެކަމަށް ގަމީރާ ބުންޏެވެ.
އަންހެނުންފުށީގެ ފެން ފަށަލަ ހަލާކުވުމުން އެކަން ހައްލުކުރުމަށް އެރަށުގައި ފެންޕްލާންޓްތަކެއްވެސް ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް އަދިވެސް އެ ޕްލާންޓްތައް އިންސްޓޯލްކޮށް ފެންފޯރުކޮށްދޭކަށް ނުފަށައެވެ.
އަންހެނުންފުށީގެ އިތުރުން ގަމީރާގެ އުފަން ރަށް ތޮއްޑޫގައިވެސް ދަނޑުވެރިކަން އަންނަނީ ކުރަމުންނެވެ. އަންހެނުންފުށިން މަދު ބާވަތްތަކެއް ނެރުނަސް ތޮއްޑޫ ދަނޑުތަކުން ގިނަ އަދަދެއްގެ ބާވަތްތަކެއް މިއަހަރު ރޯދައަށް ބާޒާރަށް ނެރެވޭނެކަމަށް ގަމީރާ އާދަމް ބުންޏެވެ.