ޚަބަރު

ރައީސްގެ ދެކުނު ދަތުރުފުޅު: ޔަޤީންކަން ދެއްވީ ދެސިޓީ ތަރައްޤީކުރާނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށްކަމަށް


ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ އެ ދެސިޓީގެ ރައްޔިތުން ދެއްވި ޚިޔާލާއި މަޝްވަރާގެ އަލީގައި ކަމުގެ ޔަޤީންކަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 25 އިން 28 އަށް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ މަޝްރޫޢުތަކަށް ޚިޔާލު ހޯއްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ފުވައްމުލަކު ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގެން ވަނީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވާފައެވެ. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގު ހެދުމާއި ހޮސްޕިޓަލްގެ ހާލަތު ބައްލަވާލެއްވިއެވެ. މީގެ އިތުރުން ގިރާ ސަރަހައްދާއި ބަނދަރުގެ ހާލަތުވެސް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ފުވައްމުލަކު ރައްޔިތުންނަށް މާހެފުމެއް ދެއްވާފައެވެ. މި މާހެފުމުގައި ރައީސް ވަނީ ފުވައްމުލަކުގެ ތަރައްްޤީއަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވާ އުފާވެރި ޚަބަރުތަކެއް ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ މަޝްރޫޢުތަކެއް ފުވައްމުލަކުގެ ތަރައްޤީއަށް ހުރިކަމަށް ވިދާޅުވެ އޭގެ ތަފްސީލް ރައީސް ހިއްސާކުރެއްވިއެވެ.

ފުވައްމުލައް ސިޓީއަށް ސަރުކާރުން ހިންގުމަށް ނިންމެވި ބައެއް މަޝްރޫޢުތައް:

- އެއަރޕޯޓް ބޮޑުކުރެއްވުން
- 400 ހައުސިންގ ޔުނިޓް ތަރައްޤީކުރުން
- މިހާރު ކުރިއަށްދާ 18 ކިލޯމީޓަރުގެ މަގު ހެދުމަށް އިތުރު 10 ކިލޯ މީޓަރު އިތުރުކުރުން
- 50 އެނދުގެ ހޮސްޕިޓަލް ( އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ)
- ބަނދަރު ބޮޑުކޮށް ޒަމާނީކުރުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުން
- ފަތާ ފެންގަނޑެއް ތަރައްޤީކުރުން
- ސްވިމިން ޕޫލެއް ތަރައްޤީކުރުން
- ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުން
- ސިންތެޓިކްސް ޓްރެކެއް ތަރައްޤީކުރުން
- ފުވައްމުލަކުން މިފްކޯއަށް މަސް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުން
- ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރުން


މި މަޝްރޫޢުތައް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ ހިނގަމުންދާ އަދި ކުރިއަށް ހުރި މަޝްރޫޢުތަކަށް ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައެވެ. އަދި ވަކިވަކިން ރައްޔިތުންނާއި ބައްދަލުކުރައްވާ ޚިޔާލު ހޯއްދަވާ ރައްޔިތުންގެ ވާހަކަތައް ރައީސްވަނީ އަޑުއައްސަވާފައެވެ. ރައީސް ވިދާޅުވީ ކޮންމެ މަޝްރޫޢެއްވެސް ގެންދާނީ ރައްޔިތުން ގެންނަން ބޭނުންވާ ބަދަލާއި ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ.

ހަމަ މިފަދައިން ރައީސް ވަނީ އައްޑޫގައި ހިނގަމުން އަންނަ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވާ ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވާފައެވެ. އަދި ނިމުނު ބައެއް މަޝްރޫޢުތައް އިފްތިތާޙްވެސްކޮށްދެއްވާފައިވެއެވެ.

މިގޮތުން ފުވައްމުލަކަށްފަހު އައްޑޫ ސިޓީއަށް ވަޑައިގެން ރައީސް ވަނީ މަރަދޫ، މަރަދޫ ފޭދޫ އަދި މީދޫ ބަނދަރު ހުޅުވައިދެއްވާފައެވެ. އަދި އައްޑޫގައި ތަރައްޤީކޮށްފައިވާ ޕޮލިސް އެކަޑަމީވެސް ހުޅުއްވައިދެއްވިއެވެ. މީގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ހާލަތާއި، ހުޅުދޫގައި ތަރައްޤީކުރި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ހާލަތު ބައްލަވާލައްވާ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ބިން އިތުރުކުރުމުގެ މަޝްރޫޢު ޝަރަފްވެރުކޮށްދެއްވިއެވެ. އަދި އައްޑޫގެ ރަށްތަކުގެ މަގު ހެދުމުގެ ބިޔަ މަޝްރޫޢު ރައީސް ވަނީ ފަށްޓަވައިދެއްވާފައެވެ
.
ރައީސް ވަނީ އައްޑޫ ސިޓީގައި ރައްޔިތުންނަށް ދެއްވި މާހެފުމުގައިވެސް އެ ސިޓީގެ ތަރައްޤީއަށް ހިންގަވާ މަޝްރޫޢުތައް ތަފްސީލްކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުވަނީ އެ ސިޓީގައި ހިންގަވާ މަޝްރޫޢުތަކަށް ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައެވެ.

އައްޑޫގައި ހިންގާ މުހިންމު ބައެއް މަޝްރޫއުތައް:

- އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުން
- ބިން ހިއްކުމުގެ މަޝްރޫޢުއާއެކު އައު ފަސް ރަށް ހިއްކައިގެން ޓޫރިޒަމަށް ތަރައްޤީކުރުން
- 107 ކިލޯމީޓަރު މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
- ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން
- 120 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުން
- އައްޑޫގެ ހުރިހާ ރަށެއްގެ ކަރަންޓްގެ ވިއުގަ އެއް ނެޓްވޯކަކުން ގުޅުވާލުން
- ފޭދޫގައި އައު ސްކޫލެއް ޢިމާރާތްކުރުން
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުން
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ނަރުހުންނާއި ޑޮކްޓަރުން ވަރަށް އަވަހަށް ހޯދައިދިނުން
- ޑްރަގް ޓްރީޓްމަންޓަށް ފަހު ތަމްރީންދޭ މަރުކަޒަކަށް ހުޅުދޫ ސްކޫލް ބަދަލުކުރުން
- ޝަންގްރިއްލާގެ މައްސަލަ ހައްލުކޮށް ހުޅުވުން

ރައީސް ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ މުހިންމު ބޭނުމަކީވެސް މަޝްރޫޢުތަކަށް ރައްޔިތުންގެ ޚިޔާލު ހޯއްދަވާ އެގޮތަށް އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.