ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އައު ޤާނޫނެއް


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ އާ ބިލެއް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި، އެ ބިލް މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މި ބިލުގެ ސަބަބުން ދައުތަލުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ބެލެނިވެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.މިދިޔަ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ދަރުމައަށް ކުދިން ބެލެހެއްޓުމަށް އޫޞޫލެއް  ޤާއިމްކުރެވި މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މި އުޞޫލު އާއްމުކުރުމާއެކު ގިނަ ބަޔަކު މިކަމަށް އެދެމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.  އަދި މި އުޞޫލްގެ ދަށުން ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ ތެރެއިން ތަފާތު ސަބަބުތަކާހުރެ އެ ކުދިންގެ އާއިލާތަކާ ޙަވާލުކުރެވެން ނެތް ކުދިންގެ ބެލެނިވެރިކަން ދައުލަތުގެ ފަރާތުން ވަގުތީގޮތުން އެހެން ފަރާތަކާ ޙާވާލުކުރެވިދާނެއެވެ.ދަރުމައަށް ކުދިން ބެލުމުގެ އުޞޫލް އާއްމުކުރިފަހުން 3 ކުއްޖަކު އާއިލާއަކާއި ވަނީ ޙަވާލުކޮށްފައެވެ.ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މި އުޞޫލް އާއްމުކުރުމުގެ ކުރިންވެސް ގިނަ ބަޔަކު ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިން ބޭނުންވެގެން އެދެމުންދާ ކަމަށާއި މިހާރު ވެސް ގާތްގަޑަކަށް ތިރީހަކަށްމީހުން އެދިފައިވާކަމަށެވެ. އެހެން ނަމަވެސް ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތަައްތަކެއް ހުރުމާއި، މިކަމަށް އެދޭމީހުން ބޭނުންވާ އުމުރުފުރައިގެ ކުދިން ލިބެން ނެތުމުން މިފަދަ ކުދިންގެ ބެލެނިވެރިކަން ވަގުތީގޮތުން ހޯދަން ބޭނުންވާ ފަރާތްތަކާއި ހަވާލުކުރުން ލަސްވަމުންދާކަމަށެވެ. މިހާރު މަަޖިލީހަށް ހުށަހެޅުއްވުމަށް ތައްޔާރުވަމުންދާ ބިލް ފާސްވުމުން މިކަމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.ކުޑަކުދިންގެ ހިޔާއަށް ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރައްވައެވެ. އެގޮތުން ކޮންމެ ކުއްޖަކަށް ގާތްގަޑަކަށް މަހެއްގެ މައްޗަށް 15،000 ރުފިޔާ ހޭދަކުރައްވައެވެ. ކުޑަކުދިންގެ ހިޔާގައި ސަތޭކައަށްވުރެ ގިނަ ކުދިން މިހާރުވެސް އެބަތިއްބެވެ.