ދުނިޔެ

އިސްރާއީލުން ވިލާތުގެ ބައެއް ޤައުމުތަކަށް ފާޑުކިޔައިފި


އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިލާތުގެ ބައެއް ޤައުމުތަކަށާއި ވިލާތުގެ އިއްތިޙާދަށް ފާޑުވިދާޅުވެއްޖެއެވެ.އިސްރާއީލުން ވެރިވެގެންފައިވާ ގުދްސުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ވިލާތުގެ އިއްތިޙާދުގެ މުއައްސަސާތެރޭގައި އިސްރާއީލާ މުޢާމަލާތް ކުރަނީ އެހެން ޤައުމުތަކާ ތަފާތު ގޮތަކަށް ކަމަށާ މިއީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. އެހެންކަމުން ވިލާތުގެ އިއްތިޙާދުން އިސްރާއީލާ ކުރާ މުޢާމަލާތްތަކުގެ މިސްރާބު ރަނގަނޅު ކުރަންޖެހޭކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރު ހިފައިގެން އޮވެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރުކަށި ޢަމަލުތަކަށް ވިލާތުގެ ޤައުމެއްކަމަށްވާ ސްވިޑްންއިން ދާދިފަހުންވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އިސްރާއީލުން ފާއިތުވި ދެތިންމަސްތެރޭގައި ބަޑިޖަހައި ފަލަސްތީނުގެ ސަތޭކަ ފަސްދޮޅަހެއްހާ މީހުން ޝަހީދުކޮށްލާފައިވާތީ ސްވިޑްންގެ ޚާރިޖީ ވަޒީރު މާގޮޓް ވޯލްސްޓްރޯމް ވަނީ އެއީ މަގުމަތީގައި ޤަތްލުއާންމު ހިންގުންފަދަ ޖަރީމާތަކެއް ކަމަށް ސިފަކުރައްވާފައެވެ.މީގެއިތުރުން ދާދިފަހުން ސްވިޑްންގެ ސަރުކާރުން ފަލަސްތީނަކީ މިނިވަން ދަޢުލަތެއްކަމަށް ޤަބޫލުކުރުމާއި އަދި ވިލާތުގެ އެތަށް ޤައުމެއްގެ ޕާލަމެންޓްތަކުން ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤަބޫލުކޮށް ގަރާރުތަކެއް ފާސްކޮށްފައިވާތީ އިސްރާއީލު ވަނީ ކަންބޮޑުވެފައެވެ.