މުޅި ރާއްޖޭގައި ހުރި އިޖްތިމާއީ އަދި އެނޫންވެސް މައްސަލަތައް ޙައްލުކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ މަސައްކަތްތަކުގައި ސިޓީތަކަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކައުންސިލަރުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ފާހަގަކުރެއްވި ގިނަ ކަންކަމަށް ޙައްލު ހޯދައިދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެގޮތެއް ހަމަޖެއްސުމާއި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރާއިރު ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތްވުމާއި ސިޓީގައި އިތުރުވަމުންދާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ކަންކަމާއި ސިޓީގެ މާސްޓަރ ޕްލޭނެއް ހެދުމަށް ބަޖެޓު ހޯދުންފަދަ ކަންކަން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސިޓީގެ ތަރައްޤީއަށް އަދި ޞިއްޙީ ދާއިރާއިން ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި އަލަށް ހަދާ މަގުތަކާއެކު ޕާކިންފަދަ ކަންކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަގުހެދުމުގެ މަސައްކަތާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމާއި އަދި ހައުސިންގް ޔުނިޓްތަކުގެ ޑިޒައިނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަން ކުރިޔަށް ގެންދާނީ ކައުންސިލުގެ ޚިޔާލާއި މަޝްވަރާގެ މަތިންކަން ފާހަގަކުރެއްވިއެވެ. އަދި އިޖްތިމާޢީ އެންމެ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ރާއްޖޭގައި ހުރި މި ފަދަ މައްސަލަތައް ޙައްލުކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލައިގެން މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި މި މަސައްކަތުގައި ސިޓީތަކަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.