ޚަބަރު

ރައީސްގެ ދެކަނބަލުންނަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ފުވައްމުލައް ސިޓީގެ މަޖިލިސް މެންބަރުންނާއި، ފުވައްމުލައް ސިޓީގެ މޭޔަރާއި ކައުންސިލަރުންނާއި އިސްވެރިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވުމަށް ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެއަރޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލައްވައި މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މަގުހެދުމުގެ މަޝްރޫޢު ބައްލަވާލައްވާ ބަނދަރަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާދަމާ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާވެސް ބައްދަލުކުރައްވާނެއެވެ.

ފުވައްމުލަކަށްފަހު ރައީސްގެ ދެކަނަބަލުން މާދަމާ އައްޑޫ ސިޓީއަށްވެސް ވަޑައިގަންނަވާނެއެވެ. އައްޑު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަރަދުއާއި މީދޫ ބަނދަރު ހުޅުވައިދެއްވާ ހިތަދޫގައި ޢިމާރާތްކޮށްފައިވާ މަސްޖިދުލް އިބްރާހީމް ހުޅުއްވައިދެއްވާނެއެވެ. އަދި އައްޑޫ ސިޓީ މަގުހެދުމުގެ މަޝްރޫޢު ރައީސް ފަށްޓަވާދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާ އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.