ކުޅިވަރު

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ޔޫސުފް ބަދަލުގައި މޯޑް


އިންޑިއާގެ ނާގާލޭންޑްގައި ބާއްވާ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި އެންމެ ފުރަތަމަ ހިމެނި ޔޫސުފް އިބްރާހިމްގެ ބަދަލުގައި މުހައްމަދު ރަޝީދު (މޯޑު) ހިމަނައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފުރަތަމަ ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލިއިރު، ހިމެނި ފަސް ކުޅުންތެރިންގެ ތެރޭގައި ޔޫސުފް ހިމެނި އެވެ. އެކަމަކު، ފަހުން ބަދަލުކުރަން ޖެހުނީ ޔޫސުފަށް ދިމާވި އަނިޔާއެއްގެ ސަބަބުންނެވެ.

މުބާރާތަށް ހޮވާފައިވާ ފިރިހެން އެތުލީޓުންނަކީ ނަސީރު ސްޕޯޓްސް ކްލަބްގެ ހުސައިން ފަޒީލް ހާރޫންގެ އިތުރުން މެރަތަން ރަނާސްގެ ދެ ދުވުންތެރިން ކަމަށްވާ މޯޑު އާއި އިރުފާން މުހައްމަދު އެވެ. އަންހެން ތިން އެތުލީޓުންގެ ތެރޭގައި ވެސް މެރަތަން ރަނާސްގެ ދެ ދުވުންތެރިން ހިމެނެ އެވެ. އެއީ އާއިޝަތު ރާނިޔާ އާއި އާއިޝަތު ރިޝްމީ އެވެ. މި ދެ ދުވުންތެރިންގެ އިތުރުން ދެން ޓީމުގައި ހިމެނެނީ ކުޑަހުސައިން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ޢަބްދުލް ކަރީމް އެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު (ނަސްރު) އެވެ. ނަސްރު އަކީ މެރަތަން ރަނާސްގެ ކޯޗެވެ. ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުގައި ނަސްރު އެކެޑަމީގެ ހަތަރު އެތުލީޓުން ހިމެނެ އެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަކީ އިންޑިއާގެ އެންމެ އިރުމަތީގައި އޮންނަ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ނާގަލެންޑްގައި ބައްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު ވަނީ އިންޑިއާ އަށް ފުރައިފަ އެވެ.