ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދާ ޚިލާފަށް ހިންގޭ އެއްވެސް ހަރަކާތަކަށް ދިވެހި ފުލުހުން ޖާގަ ނުދޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރާކަތް ހުއްޓުވުމަށް ފުލުހުން ކުރައްވަމުންދާ މަސައްކަތް އޮޅުންފިލުވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިމައްސަލާގައި މިހާރުވެސް މަޖިލީހުގެ 241 ކޮމެޓީއާއެކު މަސައްކަތް ކުރަމުންދާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު މިހާރުވެސް ފުލުހުން އަޅަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ ހުކުރު ދުވަހުވެސް އެފަދަ ހަރަކާތެއް ހިންގާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެހަރަކާތް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް ޤާނޫނާއި ޚިލާފް އެއްވެސް ހަރަކާތެއް ހިންގުމަށް ފުލުހުން ޖާގަ ނުދޭނެކަމަށް ދަންނަވާފައިވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް"ކެމްޕޭނުގެ ސަބަބުން ޤައުމުގެ ދާޚިލީ ސަލާމަތަށް ނުރަނގަޅު އަސަރު ފޯރުން ބޮޑުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ މީގެކުރިން މަޖިލީހުގެ 241 ކޮމިޓީގައި ވިދާޅުވެފައެވެ. ސިޕީ ހަމީދު ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތުން ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރަށް ޤައުމުގެ ދާޚިލީ ސަލާމަތަށްވެސް ނުރައްކާ އެބައޮތްކަމަށެވެ.
މިފަދަ ޙަރަކާތްތަކުން ދިމާވެދޭނެ ނުރައްކަލަކުން ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނަށްވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. މިގޮތުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ތަރަހައިން ބޭރުގައި ހިންގާ ޙަރަކާތްތަކާއި ކުށްކުރާ ފަރާތްތައް މިފަދަ ހަރަކާތްތައްކަށް ވައްދައިގެން ނުރައްކަތެރި އަމަލުތައް އެމީހުންގެ ފުށުން ފެންނަކަން ފާހަގަކުރެއްވިއެވެ.
އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލަށް އޮތް ނުރައްކާ ބޮޑުކަން ފާގަކޮށް، މަޖިލީހުގެ މެޖޯރިޓީ ޕާޓީން ވަނީ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.