ރ.ދުވާފަރުގައި ސަރުކާރުން އަލަށް ހިއްކައި ނިންމާފައިވާ 22 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި ދުވާފަރުގެ ލޭންޑް ޔޫސް ޕްލޭން ރިވިއު ކުރުމަށް ހަަދަންޖެހޭ ޓޮޕޯގްރަފިކް ސާރވޭގެ މަސައްކަތް ފަށައިފިއެވެ.
ދުވާފަރު ކައުންސިލުގެ ބެލުމުގެ ދަށުން މިމަސައްކަތް ކުރަމުންގެންދަނީ ބްލޫ ކޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކުންނެވެ. އެކުންފުނިން ބުނީ މިހާރު ކުރަމުންދާ ޓޮޕޯގްރަފީ ސާވޭގެ މަސައްކަތް މިމަސްތެރޭ ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. މިސާވޭގައި ބަލާނީ މުޅިރަށުގެ ބިމުގެ ބޮޑުމިނާއި އަލަށް ހިއްކާފައި އޮތް ސަރަހައްދުގެ ބޮޑުމިނާއި ފަޅުގެ ބޮޑުމިނުގެ އިތުރުން ދިޔަވަރުތަކުގައި ރަށުގެ އުސްމިނާއި މަގުތަކުގެ ބޮޑުމިނެވެ.
މިސާވޭގެ މަސައްކަތް ނިމުމުން ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ފަށާ، ފައިނަލް ޕްލޭން ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ސަރުކާރަށް ހުށައަޅާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ދުވާފަރު ކައުންސިލުން ބުނީ ބިން ބޭނުންވާ އެތައް އާއިލާއެއް އެރަށުގައި އެބަތިބި ކަމަށާ، އަލަށް ހިއްކި ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ ނިމުމުން އެކަމަށް ހައްލު ލިބިގެންގެން ދާނެކަމަށެވެ. އަދި ވިޔަފާރި ކުރުމަށާ، ސިނާއީ އެހެނިހެން ކަންކަމަށް ބިން ބޭނުންވާ ފަރާތްތަކަށް އޮންނަ އުސޫލުގެ ތެރެއިން ބިންތައް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
ދުވާފަރު ބިމަށް އިތުރުކުރީ 22.2 ހެކްޓަރުގެ ބިމެވެ. މި 22.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭ ފަށާ އެއަރުގެ ޖޫންމަހު ވަނީ ނިންމާލާފައެވެ. ސަރުކާރުން 143.11 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔުމުގެ އެއްބޭނުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމެވެ.
އާބާދީގައި 4900 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދުވާފަރުގައި މީހުން އާބާދުކުރީ 2010 ވަނަ އަހަރުގެ ތެރޭގައެވެ.