ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިންނަށް ބޭންކް މެދުވެރިކޮށް މުދާ ނެގޭނެ އިންތިޒާމް މޯލްޑިވްސް އިސްލާމިކް ބޭންކްއިން ހަމަޖައްސަވައިފިއެވެ.
މިއީ ރާއްޖޭގެ މާލީ އިދާރާއަކުން މަސްވެރިންނަށް ފެސިލިޓީއެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ. އިސްލާމިކް ބޭންކުން މިކަމާއި ގުޅޭގޮތުން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމީއްޔާތުގައި އެ ބޭންކުގެ އެކްޓިންގް ސީއީއޯ އަހުމަދު ރިޟާ ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދް ޝާފިއު އަދި ފަރެސްމާތޮޑާގެ ކައުންސިލްމެމްބަރުންގެ އިތުރުން ގިނައަދަދެއްގެ މަސްވެރިން ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޟާ ވިދާޅުވީ، އިސްލާމިކް ބޭންކަކީ އަބަދުވެސް މަސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭންކެއް ކަމަށެވެ. އެގޮތުން ދޯނިތަކުގެ އެކި ކަންކަމަށް ދޯނި ބަނުމާއި ދޯނިތަކުގެ އެކީ ބޭނުންތަކަށް މިހާތަނަށް ފައިނޭންސްކޮށްދެމުން އައިސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ރިޟާ ވިދާޅުވި ގޮތުގައި އިސްލާމިކް ބޭންކުން މިހާތަނަށް 100 އެއްހައި ދޯންޏަށް އެކި ކަންކަމުގައި ފައިނޭންސްކޮށްދީފައިވާ ކަމަށެވެ.
ރިޟާ ވިދާޅުވި ގޮތުގައި މިއީ، އިސްލާމިކް ބޭންކުން ފޯރުކޮށްދޭ ޙިދުމަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން މި ސްކީމަށް މަގުފަހިވަނީ އޮޑިވެރިންނާއިއެކު އިސްލާމިކް ބޭންކުން ހަދާ އެއްބަސްވުންތަކާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމާޒަކީ ކުރިއަށްއޮތް ދުވަސްތަކުގައި މި ޙިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށެވެ.
މިރަސްމިއްޔާތުގައި 4 އޮޑިވެރިއަކާއެކު އިސްލާމިކް ބޭންކުންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއާއިއެކު މި އޮޑިތަކުން މަސްބާނާ މަސްވެރިންނަށް ސްކީމުގައި ބައިވެރިވެ، އިސްލާމިކް ބޭންކުގެ އުޖާލާ ސްކީމުގެ ތެރެއިން މުދަލަށް ފައިނޭންސް ކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. މި ސްކީމާއި ގުޅޭ އިތުރު މައުލޫމާތު އިސްލާމިކް ބޭންކް މެދުވެރިކޮށް ލިބޭނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.
ސްކީމުގައި އޮޑިވެރިން ބައިވެރިވަނީ ގެރެންޓަރއެއްގެ ގޮތުގައެވެ. ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް މިވަގުތު 100،000ރ. އާއި ހަމައަށް މުދާ ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިސްލާމިކް ބޭންކުން ބުނީ، މަސްވެރިން މި ސްކީމުގައި ބައިވެރިވާ މިންވަރަށް ބަލައި، ސްކީމުގެ ލިމިޓު އިތުރުކޮށް އިތުރު މުދާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލޯން އަދި އެހެނިހެން ފައިނޭންސިން ފުރުސަތު ފަހިވެފައި ނޯންނަ އެންމެ ބޮޑު ސަބަބަކީ ބޭންކިން ނިޒާމުގެ ތެރެއިން އާމްދަނީ ލިބޭ މިންވަރު ދެނެގަނެވޭނެ އުސޫލެއް ނެތުމުންނެވެ. ނަމަވެސް އޮޑިވެރިންނާއިއެކު އިސްލާމިކް ބޭންކުން ހަދާ މި އެއްބަސްވުމުގެ ތެރެއިން މަސްވެރިންނަށް ލިބޭ އާމްދަނީ ވަޒަންކޮށް، މަސްވެރިންނަށް އުޖާލާ ސްކީމުގެ ދަށުން އިސްލާމިކް ބޭންކާއި ގުޅިފައިވާ ވިޔަފާރިއަކުން މުދާ ލިބޭނެއެވެ.