ގައިންގަޔަށް އަރާ ބަލީގެ މީހުން އެކަހެރިކޮށްގެން ފަރުވާދޭނެ ތަނެއް ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއްގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ ކޯވިޑުން ލިބުނު އެއް ފިލާވަޅަކީ ސިއްޙީ ޚިދުމަތްދޭ ކޮންމެ ތަނެއްގައި އިންފެކްޝަން ޑިސީސް ނުވަތަ ގައިންގަޔަށް އަރާ ބަލިތަކުގެ މީހުންނަށް ޚާއްޞަ ޕާތުވޭތަކެއް ނުވަތަ ފަރުވާދޭނެ ޚާއްޞަ ނިޒާމަކާއި ތަންތަން ޤާއިމްވެފައިހުރުން މުހިންމުކަންކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނަރ ތަސްލީމާ އުޘްމާން ވިދާޅުވީ، ކޯވިޑާއި ގުޅިގެން ބަލިޖެހޭ މީހުން އެކަހެރިކުރުމަށް ވަކިތަނެއް ޤާއިމްކޮށްފައިވާފަދައިން، ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުން ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ވެއްދުމަށާއި، އެޑްމިޓްކޮށްގެން ފަރުވާދޭނެ ޚާއްޞަ ތަންތަން ހުންނަންޖެހޭކަމަށެވެ. އެހެންކަމުން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޢުމްރާނީ ގޮތުން ގެންނަ ބަދަލުތަކާއި އަލަށް ޢިމާރާތްކުރާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި އެފަދަ ތަންތަން ހުންނާނެކަމަށް ތަސްލީމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި މިހާރު ސިއްޙީ ޚިދުމަތްދެމުން އަންނަ ހުރިހާ މަރުކަޒުތަކަކަށްވެސް އެ ބަދަލު ގެންނަވާނެކަމަށެވެ.
"އިންފެކްޝަން މީހެއްވެއްޖެއްޔާ އޭނާ ގެންދާނެ ޕާތުވޭ. ސިމްޓަމެޓިކް ނޫނީ ސަސްޕެކްޓް މީހެއްވެއްޖާ އޭނާ ގެންދާނެ ޕާތުވޭއެއް މިހާރުގެ ޑިޒައިންތަކަށް ލާފަވާނެ. މި ޕާތުވޭއަކީ އާންމުކޮށް މީހުން މި ޑޮކްޓަރަށް ވަންނަ ދިމާލަކުން ނޫނޭ ކޮމިއުނިކެބަލް ޑިސީސް މީހެއް ނޫނީ ގައިންގަޔަށް އަރާބަލި ހުންނަކަމަށް ޝައްކުކުރެވޭ މީހާ ގެންދަންވާނީ" ތަސްލީމާ ވިދާޅުވިއެވެ.
މިފަދަ ތަންތަން ހަދައިގެން ފަރުވާދޭން ޖެހޭނަމަ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި އިންސާނީ ވަސީލްތައް އެންމެ ރަނގަޅަށް ބޭނުންކުރެވޭނެކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑާއި ގުޅިގެން ކޯވިޑްގެ ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވީނަމަވެސް ގައިންގަޔަށް އަރާ ބަލިތަކުގެ މީހުން އެކަހެރިކޮށްގެން ފަރުވާދޭނެ ޚާއްޞަ ތަންތަން ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މިހާތަނަށް ޤާއިމްކޮށްފައެއް ނެތެވެ. އެފަދަ މީހުންނަށް މިހާތަނަށް ފަރުވާދެނީ ސިއްޙީ މަރުކަޒު ނުވަތަ ހޮސްޕިޓަލްތަކުގެ ވޯޑުގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް-19އާ ގުޅިގެން ސިއްޙީ ދާއިރާއިން އެންމެ ބޮޑަށް ފެނިގެން ދިޔަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި ޤާއިމްކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ކުރިއަރަމުން އަންނަކަން ރައްޔިތުން ބަލައިގެންފައިވާކަމަށެވެ. މިގޮތުން ބޮޑެތި އޮޕަރޭޝަންތައް އެ ހޮސްޕިޓަލްތަކުގައި ކުރެވޭއިރު އެ ޚިދުމަތްތައްވެސް ރައްޔިތުން ބަލައިގަތުމަކީ ކޯވިޑާއި ގުޅިގެން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އޮޕަރޭޝަންތައް ކުޅުދުއްފުށީގައިވެސް އެބަކުރެވޭ. އަދި ލ.އަތޮޅުގައިވެސް އެބަކުރެވޭ. އައްޑު އަތޮޅުގަވެސް ކުރެވޭ. އެހެންވީމަ ވަރަށް ބޮޑު ބަދަލެއް މިއައީ. އެހެންކަމުން މީހުން އެކަން ޤަބޫލުކުރުމާ އަހުލުވެރިވުން ވަރަށް ބޮޑަށް ކޯވިޑްގެ ތެރޭގައި ފެނިގެން ހިނގައްޖެ."އަޙްމަދު ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ނިޒާމަށް މިހާރު ލިބިފައިވާ ރައްޔިތުންގެ އިތުބާރު އެގޮތުގައި ދެމެހެއްޓުމަށް އަތޮޅުތަކުގައި އިތުރު ޚިދުމަތްތައްވެސް ޤާއިމްކުރަންޖެހޭކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެގޮތަށްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ޤައުމީ ފެރީ ނިޒާމްވެސް ބައްޓަންކޮށްފައިވާނި ބަލި މީހުންވެސް އުފުލޭގޮތަށްކަމަށާއި، މިއީ ސަރުކާރުން ވަކި ތަރުތީބަކުން އިންތިޒާމްކުރަމުން އަންނަ ކަންކަންކަމަށެވެ.