ޚަބަރު

ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ފަށަނީ


ރާއްޖޭގެ ހުރިހާ ރަށަކުން ލެބޯޓްރީގެ ޚިދުމަތް ލިބޭނެގޮތް އިންތިޒާމްކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމްގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކި ތަރުތީބަކުންކަމަށެވެ. މިތަރުތީބުގެ ތެރެއިން ސިއްޙީ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކަޒީކުރެވެމުން އަންނަކަމަށެވެ.

މިގޮތުން ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫޢެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ތަހްލީލްކުރެވޭނެ ނުވަތަ ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ފަހިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދިއުމެވެ.

"އެންމެ މުހިންމީ ލެބޯޓްރީ ދެއްތޯ. ލެބޯޓްރީން އަޅުގަނޑުމެން ތަހުލީލްކުރާ އެއްޗެއްގެ މައްޗަށް ބިނާކޮށް އެއިން އަޅުގަނޑުމެންނަށް މި ފަރުވާދެވެނީ. އެހެންކަމުން އެފަދަ ތަންތަން މިހާރު އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިއްޖެ. އެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން މިގެންދަނީ." ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.


މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނަރ ތަސްލީމާ އުޘްމާން ވިދާޅުވީ، ރާއްޖޭގައި މިހާރު ޚިދުމަތް ދެމުން އަންނަ ލެބޯޓްރީތަކުގެ ޚިދުމަތްތައްވެސް އިތުރަށް ފުޅާކޮށް އައު ޚިދުމަތްތައް ތަޢާރަފްކުރައްވަމުން އަންނަކަމަށެވެ.

"ޓާޝަރީ ހޮސްޕިޓަލްތަކުގައި އަޅުގަނޑުމެން މިހާރު ހުންނާނީ އެންމެ މަތީ ލެވެލްއަށް ޚިދުމަތްތައް ދެވޭގޮތަށް. "ހިސްޓޮޕެތޮލޮޖީ" އެއީ ކުރީގަ އަތޮޅުތެރެއިން ލިބޭ ޚިދުމަތެއް ނޫން. އެކަމު އެ ލެވެލްއަށް އަޅުގަނޑުމެން ޚިދުމަތްތައް ޤާއިމްކޮށްފަ އޭގެ އިތުރަށް އަޅުގަނޑުމެން މިހާރު ޕީސީއާރު ލެބްތައް ހެދީމަ "މޮލެކިއުލަރ ބައިއޮލޮޖީ"ގެ ޚިދުމަތްވެސް އެތަންތަނަށް ދާނެ އިނގޭތޯ. ދަންނަވަން މިއުޅޭނީ ކޯވިޑް-19 އެކަންޏެއްނޫނޭ މިހާރު އެތަންތަނުގަ އެސްޓަބްލިޝް ކުރެވޭނީ. އިންފުލުއެންޒާ ކަހަލަ މީސަލްސް ކަހަލަ އެއްޗެތި ޗެކްކުރުމުގެ ޤާބިލްކަން އަޅުގަނޑުމެންނަށް އެތަންތަނަށް މިހާރު ގެންދެވޭނެ. އެއީ އެންމެ ހައެސްޓް ލެވެލް. އަނެއްކާ އަތޮޅުތަކުގެ ލެބޯޓްރީގައި ހުންނާނެ އިތުރު ލެވެލްއެއްގެ ޚިދުމަތްތަކެއް. ރަށްރަށުގައި ހުންނަ ލެބޯޓްރީތަކުގައި ވަކި ޚިދުމަތްތަކެއް ދީފަ" ތަސްލީމާ އުޘްމާން ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވީ މި ލެބޯޓްރީތައް ޤާއިމްކުރުމުގެ އިތުރުން ލެބޯޓްރީ ނެތް ރަށްރަށުން ނުވަތަ ތަންތަނުން ސާމްޕަލް ނަގައިގެން ލެބޯޓްރީއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން އެ ރަށްރަށުން ނަގާ ސާމްޕަލް ލެބޯޓްރީއަށް ފަސޭހައިން ގެންގޮސް އޭގެ ނަތީޖާ ފޮނުވޭނެ ސަރަހައްދުތަކެއް ކަނޑައަޅާނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ. މި ޚިދުމަތް އެންމެ ބޮޑަށް ފުޅާކުރެވޭނީ ސަރުކާރުން ފަށަން ތައްޔާރުވާ ޤައުމީ ފެރީ ނިޒާމްގެ ތެރެއިންކަން ތަސްލީމާ ފާހަގަކުރެއްވިއެވެ.

ތަސްލީމާ ވިދާޅުވީ މިގޮތަށް ލެބޯޓްރީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ އިންތިޒާމް ފަހިކުރުމާއެކުވެސް އެންމެ ބޮޑަށް ބައްލަވާނީ ތަހްލީލްތަކުގެ ފެންވަރު ނުވަތަ ކޮލިޓީއަށްކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހަރައްދަކަށް ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިވަގުތު އަތޮޅުތަކުގައި 90އަށް ވުރެ ގިނަ ލެބޯޓްރީން ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތް ބައެއް ރަށްރަށުގައި އަލަށް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.